ކުއަލަލަމްޕޫރު ((30 ޑިސެމްބަރު) - މެލޭޝިއާގެ ޖޮހޯރުގެ ކުންފުންޏަކުން ގަވާއިދާ ހިލާފަށް ފިނިކުރި އެއްގަމު މަސް އެގައުމަށް އެތެރެކޮށް ފޭކް ހަލާލް ސެޓްފިކޭޓް ޖަހައިގެން ވިއްކި މައްސަލައިގައި އެމީހުންނާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.

މެލޭޝިއާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑައިރެކްޓަރު ހުޒިރު މުހައްމަދު ވިދާޅުވީ ފޭކް ހަލާލް ލޭބަލް ޖަހައިގެން ވިޔަފާރިކުރި މައްސަލައިގައި 13 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމީހުންނާ ދެކޮޅަށް އުފުލަނީ އެގައުމުގެ ޕީނަލް ކޯޑުގެ ދަށުން އާންމުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެއްދުމާއި، ސުލްހަ މަސަލަސްކަން ނަގާލުމާއި އަދި އެ ގައުމުގެ ނަން ކިލަނބު ކުރުމުގެ ދައުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި މެލޭޝިއާގެ މީޑިއާތަކުން ވަނީ ފޭކް ހަލާލް ލޭބަލް ޖަހައިގެން 40 އަހަރުވަންދެން އެ ކުންފުނިން ވިޔަފާރިކުރާ ކަމަށް ރިޕޯޓްކޮށްފަ އެވެ. އަދި އެ މީހުން އެކަން ކުރީ ކަސްޓަމްސް އަދި އެހެނިހެން އިދާރާތަކުގެ މީހުންނަށް ރިޝްވަތުދީގެން ކަމަށާއި ވިއްކާފައިވަނީ ބަލިޖެހިފައި ހުރި ކެންގަރޫ އަދި އަސްތަކުގެ މަސް ބޭރުން އެތެރެކޮށްގެން ކަމަށް ވެސް ނޫސްތަކުގައި ބުނެފައިވެ އެވެ. މިކަމާ ގުޅިގެން މެލޭޝިޔާގެ ސަރުކާރަށާއި އިދާރާތަކަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

މި ފަދަ ތަންތަނުގެ މައްސަލަތައް ބަލަން ފެށީ އިދާރާތަކުން މި މަހުގެ ކުރީކޮޅު އެހެން ކުންފުންޏަކުން ޔޫކްރެއިން، ބްރެޒިލް، އާޖެންޓީނާ އަދި ޗައިނާ އިން މަސް އެތެރެކޮށް ފޭކް ހަލާލް ލޭބަލް ޖަހައިގެން ވިއްކާކަން ފަޅާއެރުމާއެކު އެވެ. މި ކުންފުނީގެ ގުދަންތަކުން 1،500 ޓަނުގެ ފިނުކުރި، 9.8 މިލިއަން ޑޮލަރުގެ މަހާއި، ފޭކް ހަލާލް ލޭބަލް އަދި ރަބަރު ސްޓޭމްޕް ފެނިފައިވެ އެވެ.

މެލޭޝިޔާގެ ޑޮމެސްޓިކް ޓްރޭޑް އެންޑް ކޮންސިއުމާ އެފެއާޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ އަތުލައިގަނެވުނު ފިނިކުރި މަސް ޓެސްޓްކުރި އިރު މީޑިއާ އިން ރިޕޯޓްކުރިގޮތާ ހިލާފަށް ބަލިޖެހިފައިހުރި އަސް، ކެންގަރޫ އަދި އޫރު މަހުގެ އެއްވެސް ބާވަތެއް ފެނިފައި ނުވާ ކަމަށެވެ. އަދި 40 އަހަރު ވަންދެން މި މީހުން މިވަގު ވިޔަފާރިކުރާ ކަމަށް ދެކެވޭ ވާހަކަތައް ވެސް ޑެޕިއުޓީ މިނިސްޓަރު ވަނީ ދޮގުކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީންކުރި ތަހުގީގުތަކުން އެނގުނު ގޮތުގައި އެ ކުންފުންނި ރެޖިސްޓްރީ ކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. އަދި އެ މީހުންނަށް ފިނުކުރި އެއްގަމު މަސް އިމްޕޯޓްކުރުމުގެ ހުއްދަ ލިބުނީ 2017 ވަނަ އަހަރު އެވެ.

މި މައްސަލަތަކާ ގުޅިގެން މެލޭޝިއާގެ އާންމުން ވަނީ ހިންހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި ރޯޔަލް ކޮމިޝަން އެއް އުފައްދައިގެން މި މައްސަލައިގެ އެންމެ ފުނަށް ތަހުގީގުކުރުމަށް ގޮވާލާފައިވެ އެވެ. އަދި މިކަމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ އެންމެންނަށް ހަރުކަށި އަދަބު ދިނުމަށް ވެސް ގޮވާލާފައިވެ އެވެ.

މެލޭޝިއާގެ އިސްލާމިކް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން މިކާމާ ގުޅިގެން ވަނީ މެލޭޝިއާގައި ހަލާލް ސެޓްފިކޭޓް ދޫކުރުމާއި އެކަންކަން މޮނިޓާ ކުރުމަށް ހެދިފައިވާ ގަވާއިދުތަށް ހަރުކަށިކޮށް މި ފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ބުނެފަ އެވެ.

މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ވެސް ވަނީ މިކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔާފަ އެވެ. އަދި އެކަކު އަނެކަކު ބޮލަށް މައްސަލަ ޖަހައި މިކަމުން ރެކިގަތުމަށް އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށާއި މިއީ ހުރިހާ އިދާރާތަކުން ވެސް ޒިންމާ ނަގަންޖެހޭނެ މައްސަލައެއްކަމަށް ވިދާޅުވެފަ އެވެ. – ސްޓްރެއިޓް ޓައިމްސް