ސަންއާ (30 ޑިސެމްބަރު) - ޔަމަނުގެ އޭޑެން އެއާޕޯޓުގައި ބާރުގަދަ ގޮވުމެއް ގޮވައި، 20 މީހުން މަރުވެ 60 މީހުން ޒަޚަމްވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ޔަމަނުގައި އަލަށް އެކުލަވާލެވުނު އާ ސަރުކާރުގެ ކެބިނެޓު މިނިސްޓަރުން ގޮވައިގެން ދަތުރުކުރި ފްލައިޓް އެއާޕޯޓްގައި ޖައްސައި ފަސިންޖަރުން ފައިބަމުން ދަނިކޮށެވެ.

މި ފްލައިޓްގައި ޔަމަނުގެ ބޮޑުވަޒީރު މައީން އަބްދުލް މާލިކް އަދި ކެބިނެޓް މިނިސްޓަރުންގެ އިތުރުން ސައުދީއަރަބިއްޔާއިން ޔަމަނަށް ކަނޑައަޅާފައިވާ އެމްބެސެޑަރު ޔަމަން މުހައްމަދު ސައިދު އަލް ޖަބްރް ހުންނެވި ކަމަށްވެ އެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް ބޭފުޅަކަށް މި ހަމަލާގައި އަނިޔާނުވާ ކަމަށް ބޮޑުވަޒީރު ވަނީ ޓްވީޓް ކުރައްވާފަ އެވެ.

ބޮޑުވަޒީރު ވިދާޅުވީ އޭނާ އާއި ކެބިނެޓް މިވަގުތު ތިބީ ވަގުތީގޮތުން ރައްކާތެރި ތަނެއްގައި ކަމަށާއި އަދި އެއްވެސް ބޭފުޅަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އަދި މި ފިނޑި ޓެރަރިސްޓް އަމަލަކީ ޔަމަނުގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާ އަމަލުތަކުގެ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔަމަނުގެ އިންފޮމޭޝަން މިނިސްޓަރު މުއައްމަރު އަލް އެރީޔަނި ވަނީ މި ހަމަލާއަކީ އިރާނުން މަދަދު ލިބިގެން ޔަމަނުގައި އުޅޭ ހޫތީ ހަނގުރާމަވެރިންގެ އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ހޫތީ ހަނގުރާމަވެރިން ވަނީ މި ހަމަލާ ދިނީ އެމީހުން ނޫން ކަމަށް ބުނެފަ އެވެ.

2015 ވަނަ އަހަރު ޔަމަނުގެ ވެރިރަށް ސަންއާ ހިފައި، ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް އެ ގައުމު ގެނައުމުން، ހޫތީންގެ ކިބައިން ޔަމަން މިނިވަން ކުރުމަށް ސައުދީ އަރަބިއާ އިސްވެ އޮވެ ކޯލިޝަނެއް ހަދައި ހޫތީ ހަނގުރާމަ ވެރިންނާއި ދެކޮޅަށް ވަނީ ވަރުގަދަ ހަނގުރާމައެއް ފަށާފަ އެވެ. މި ހަނގުރާމައިގެ ސަބަބުން އެގަމު ސުންނާފަތިވެ ގާތްގަނޑަކަށް 18 މިލިއަން މީހުން ބަނޑަށްޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. --އަލް ޖަޒީރާ