ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަޅާނެކަން އެމަނިކުފާނު ދަންނަ މީހުންނަށް އެނގޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ ފިޔަވަޅު އެޅުމަކީ ހިތިކަމާއި ފޮނިކަން އެކުލެވިގެންވާ އެއްޗެއް ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާން މިފަދައިން ވިދާޅުވެފައި ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު މަގާމުން ވަކިކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑަށް ރައީސް ސޯލިހު އަންގަވާފައި ވަނިކޮށެވެ. ރައީސްގެ އެންގެވުމަށް އަމްރު މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އަމްރު ހުންނެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު އެވެ. ނަޝީދުގެ މަންދޫބެއްގެ ހައިސިއްޔަތުން ޖުމްހޫރީ ޕާޓީއާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އަމްރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.