ލަންޑަން (31 ޑިސެމްބަރު) - އިނގިރޭސިވިލާތުން ފެނުނު ކޮވިޑް ވައިރަސްގެ އައު ސްޓްރެއިން އަކީ ކުރީގެ ވައްތަރުތަކަށް ވުރެ އަވަހަށް ފެތުރޭ ވައްތަރެއް ކަމަށާއި އަދި މި ވައިރަސް 20 އަހަރުން ދަށުގެ މީހުންނަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އިނގިރޭސިވިލާތު ލަންޑަންގެ އިމްޕީރިއަލް ކޮލެޖުންކުރި ދިރާސާއަކުން ދައްކައިފި އެވެ.

އިމްޕީރިއަލް ކޮލެޖްގެ ޕްރޮފެސާ ނެއިލް ފާގަސަން ވިދާޅުވި ގޮތުގައި ވައިރަސްގެ އައު ވައްތަރު އެކަކު ގައިން އަނެކަކުގެ ގަޔަށް ފެތުރޭލެއް އަވަހެވެ. މިއީ މި ވޭރިއަންޓް ވަރަށް ބޮޑަށް ބަދަލުވެފައިވާތީ އެވެ. އަދި މިކަމުގެ ސަބަބުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތް އުނދަގޫވާނެ ކަމަށާއި ވީހާވެސް އަވަހަށް ވެކްސިން އެންމެންނަށް ލިބޭނެގޮތް ހެދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައިންޓިސްޓުން ވިދާޅުވީ ކުރިން އިޖުތިމާއީ ގައިދުރުކަން އިސްކޮށްގެން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވުނަސް އަލަށް ފެނުނު ވައްތަރުން ގައިދުރުކަން އިސްކޮށްގެން ފެތުރޭ މިންވަރު މަދުކުރެވިފައި ނުވާ ކަމަށެވެ. އަދި މި ރިސާޗް ހެދިފައިވަނީ ފުރަބަންދުކޮށް އެކަމަކު ސްކޫލްތައް ހުޅުވައިގެން ކިޔައިދިނުން ކުރިއަށް ދިޔަ ދުވަސްވަރެއްގައި ކަމުން، 20 އަހަރުން ދަށުގެ ޒުވާނުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކުރެވިފައި ވަނީ އެ ސަބަބައްޓަކައި ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ސައިންޓިސްޓުން ވިދާޅުވި އެވެ.

މި ރިސާޗްގައި ސައިންޓިސްޓުން ބަލާފައިވަނީ ވައިރަސް ފެތުރޭ މިންވަރާއި އަދި ޔޫކޭގެ އެކި ހިސާބުތަކުން ވައިރަސް ފެނުނު މިންވަރަށެވެ. އަދި މިކަމުގައި ބޭނުން ކޮށްފައިވަނީ ސަރުކާރު އިދާރާތަކުގެ ޑޭޓާ އެވެ. -ސްޓަރެއިޓް ޓައިމްސް