ނިއުޔޯކް (31 ޑިސެމްބަރު) - މީހަކު މަރާލިކަމުގެ ކުށް ސާބިތުވެ އީރާންގައި އިއްޔެ މީހަކަށް މަރުގެ އަދަބު ތަންފީޒްކުރުމުން އދ. ން އެކަން ކުށްވެރިކޮށްފި އެވެ.

އީރާންގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ހަސަން ރެޒައީ (30އ) ހައްޔަރުކުރީ 2007 ވަނަ އަހަރު މީހެއްގެ ގަޔަށް ވަޅިޖެހުމުގެ ކުށުގަ އެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ރެޒައީ އަށް ހުކުމް ކުރީ ހައްޔަރުގައި ބައިންދައިގެން ގަދަކަމުން ކުށަށް އެއްބަސް ކުރުވައިގެން ކަމަށް ބުނެފަ އެވެ.

އެމްނެސްޓީއިން ބުނީ މީހަކު ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ ކުށަކަށް މަރުގެ އަދަބު ދިނުމަކީ ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ގާނޫނާ ހިލާފް ކަމެއް ކަމަށާއި އެއީ ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. ރެޒައީ ވަނީ 12 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މި ހުކުމުގައި ހޭދަކޮށްފަ އެވެ. އަދި އޭނާ ކުށަށް އެއްބަސްކުރުވީ ޖަލުގައި ތަޅައި އަނިޔާކޮށް އަދި އޭނާގެ ޝަރީއަތަކީ ވެސް ނާއިންސާފުން ހިންގި ޝަރީއަތެއް ކަމަށް ވަނީ އެމްނެސްޓީއިން ވަނީ ބުނެފަ އެވެ.

ރެޒައީ މަރުގެ ހުކުން ތަންފީޒްކުރުމާ ގުޅިގެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނާ މިޝޭލް ބެޗެލެޓް ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނާގެ އޮފީހުން ލިބޭ މައުލޫމާތައް ބަލާއިރު އީރާނުން ވަނީ މިފަދަ ގޮތަކަށް ކުށްކުރި (ކުޑަކުއްޖެއްގެ ގޮތުގައި ހުރެ) ތިން މީހުންނަށް މަރުގެ އަދަބު ތަންފީޒްކޮށްފަ އެވެ. އަދި 80 އަށްވުރެ ގިނަ މީހުން މިހާރު ވެސް އިރާންގެ ޖަލުތަކުގައި މަރުގެ ހުކުމް ކޮށްފައި އެބަތިއްބެވެ. – ބީބީސީ