ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 10 އެއް ޖަހާކަން ހާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްޕީއެލްގެ ފްލެޓް ކައިރީގައި ކަމަށެވެ.

އެ ހާދިސާ ހިނގީ ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ. މި ހާދިސާގައި އެކްސިޑެންޓްވި ޕިކަޕަކީ އާބަންކޯގެ ޕިކަޕެކެވެ. އަދި މަރުވީ ވެސް އެ ކުންފުނީގެ މުވައްޒަފެެއް ކަމަށްވާ އަބްދުﷲ ރަޝީދު އެވެ.

މަންޒަރު ދުށް މީހަކު ބުނީ އެ ހާދިސާ ހިނގީ ސައިކަލުގައި ދިޔަ މީހާ ޕިކަޕާ އަރާ ހަމަކޮށްފައި ޑްރައިވަރާ ކޮންމެ ވެސް ވާހަކައެއް ދައްކާފައި، ޕިކަޕް ދަނިކޮށް އަނެއްކާ ފަހަތުން އަރާ ހަމަކުރަން ކުރަން އުޅުމުގެ ތެރޭގައި ޕިކަޕުގައި ޖެހިގެން ކަމަށެވެ.

"އެތަނުގައި ތިބި މީހުން ބުނީ އެ މީހާ އެމްބިއުލަންސްއަށް އެރުވިއިރު ވެސް ހެއެއް ނެތް ކަމަށް. އޭނާގެ ބޮލުން ފޭބި ލޭ މަގުމަތީގައި ވެސް ހުރި،" އެ މީހާ ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި މަރުވީ 59 އަހަރު ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.