ސަރުކާރުން ވަޒީފާގެ ބިރު ނުދައްކާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ސިޔާސީ ފިކުރުގެ ސަބަބުން ސިވިލް ސާވިސް އާއި އާންމު ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް މި ސަރުކާރުގައި ވަޒީފާގެ ބިރެއް ނޯންނާނެ ކަމަށެވެ.

މިއުވާން މިހެން ވިދާޅުވިއިރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ދާދި ފަހުން ވަނީ ސަރުކާރުން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ.

މިއުވާން ވިދާޅުވީ ސިޔާސީ މަގާމުތަކަކީ ރައީސްއަށް ލިބޭ ބާރުގެ ދަށުން އައްޔަންކުރާ މަގާމުތަކެއް ކަމަށެވެ. އެފަދަ މަގާމުތަކުން މީހުން ވަކިކުރުމުގެ އިހުތިޔާރުވެސް ރައީސްއަށް ލިބޭކަން މިއުވާން ފާހަގަކުރެއްވި އެވެ.

ވަޒީފާގެ މަސްއޫލިއްޔާތު އަދާނުކުރުމާއި ފަރުވާ ކުޑަކުރުން އަޅާ ފިޔަވަޅަކީ ސިޔާސީ ގޮތުން އަޅާ ފިޔަވަޅެއް ނޫން ކަމަށްވެސް މިއުވާން ވިދާޅުވި އެވެ. ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ތިއްބަވާ ބޭފުޅުން ކަމަށާއި އެކަމަކު، އެ ބޭފުޅުން އެ ސިޔާސަތުތަކާ ދެކޮޅުވެއްޖެ ނަމަ، އެ މަގާމުން ވަކިކުރަން ޖެހޭނެ ކަމަށާއި އެއީ ވަޒީފާގެ ބިރު ދެއްކުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން ވެސް ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅުވެރިވާ ނަމަ، މަގާމުން ވަކިކުރާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.