ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޢާލިއާ ބަޓް އާއި އެކްޓަރު ރަންބީރު ކަޕޫރުގެ ކައިވެންޏަކީ "ހަމަހަމަ ނޫން" ކައިވެންޏެއް ކަމަށް ބައެއް ފަރާތްތަކުން ފަތުރާ ވާހަކަތައް ދޮގުކޮށް، އެއީ "ހިތްހަމަ ނުޖެހޭ" އަދި އިހްތިރާމް ކުޑަ ވާހަކަތަކެއް ކަމަށް އާލިއާ ސިފަކޮށްފި އެވެ.

ޓައިމް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ، އެ ދެ ތަރިންގެ ގުޅުމާ މެދު ވާހަކަތައް ދެކެވެނީ ކައިވެންޏާ ގުޅޭގޮތުން އާންމުކޮށް މީހުން ގެންގުޅޭ އާދަޔާ ހިލާފު ވިސްނުންތަކާ އެ ދެމަފިރިންގެ ގުޅުން ނުގުޅޭތީ ކަމަށެވެ.

2022 ވަނަ އަހަރު ކައިވެނިކުރި އާލިއާ އާއި ރަންބީރަށް އަންހެން ދަރިއެއް ކަމަށްވާ ރަހާ ލިބިފައިވާއިރު، ދެ ތަރިން ވަކިވަކިން ދައްކާ ބައެއް ވާހަކަތަކާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ އެވެ.

ޓައިމް މެގަޒިންގައި ޢާލިއާ ބުނީ، ކައިވެނީގެ ތެރޭގައި އޭނާގެ އަމިއްލަ އިހްތިޔާރެއް ނޯންނަ ކަމަށާއި، އޭނާއަކީ އެ ކައިވެނީގެ "ޝިކާރައަކަށް" ވެފައިވާ މީހެއް ކަމަށް ދެކޭ ވާހަކަތައް ގަބޫލު ނުކުރާ ކަމަށެވެ.

"އަހަރެންނަކީ އަބަދުވެސް އަންހެނުންގެ އަމިއްލަ ނަފްސާއި ހިތުގެ އަޑު އަޑުއެހުމަށް ހިތްވަރުދޭ މީހެއް. އެހެންވީމާ، ޚިޔާލީ މަންޒަރެއްގެ ތެރޭގައި އަހަރެން ވޭން އަޅާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ ވަރަށް ހިތްހަމަނުޖެހޭ ކަމެއް." އާލިއާ ބުންޏެވެ.

ރަންބީރާއެކު އޮންނަ ގުޅުމާ ބެހޭގޮތުން އާލިއާ އިތުރަށް ބުނީ، ކޮންމެ ގުޅުމެއްގެ ވެސް ބިންގަލަކީ އެއްވެސް މަސައްކަތަކާ ނުލައި އަނެކާ އަށް ތިބާ ފެންނަކަމުގެ އިހްސާސްވުމާއި، އެއްޗެކޭ ނުބުންޏަސް އަނެކާ އަށް ތިބާގެ ވާހަކަ އިވޭކަމުގެ އިހްސާސްވުން ކަމަށެވެ. އަދި ރަންބީރަކީ އޭނާއަށް އެފަދަ މީހެއް ކަމަށާއި، އެއީ އެ ދެމަފިރިންގެ ހަގީގަތް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

"އަލްފާ"އިން އެންމެ ފަހުން ފެނުނު އާލިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަންޖޭ ލީލާ ބަންސާލީ ގެ "ލަވް އެންޑް ވޯ"އިންނެވެ. އެ ފިލްމުގައި ރަންބީރު ކަޕޫރާއި ވިކީ ކޯޝަލް ވެސް ފެނިގެންދާނެ އެވެ. މީގެ އިތުރުން "ތުމްބާޑް 2" ވެސް އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.