ފްރާންސްގައި ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ މުޒާހަރާތަކުގައި އެ ގައުމުގެ ރައީސް އިމަނުއަލް މެކްރޮންގެ މަގުބޫލު ރެސްޓޯރެންޓެއްގައި ރޯކޮށް، ސިޓީ ހޯލަށް މުޅަ މީދާތަކެއް އުކައިފި އެވެ.
އެ ގައުމުގައި ފާއިތުވެ ދިޔަ ދެތިން ހަފުތާ ތެރޭގައި ހިނގަމުންދާ ހަޅުތާލުތަކާއި މުޒާހަރާތަކަކީ ގައުމުގެ ޕެންޝަން ސްކީމަށް ރައީސް މެކްރޮން ގެންނަވަން ނިންމެވި އިސްލާހުތަކަކާ ދެކޮޅަށް ކުރަމުން ގެންދާ އިހުތިޖާޖުތަކެކެވެ.
މީދާ ހިފާ މީހުން ނުކުމެ މީދާހިފައި މަރާލުމަށްފަހު އެ މީދާތައް ޕެރިހުގެ ޓައުން ހޯލަށް އެޅި ސަބަބެއް ކަމަށް މުޒާހަރާތައް ރާވައި ހިންގުމުގައި އިސްވެ ހަރަކާތްތެރިވާ ޓްރޭޑް ޔޫނިއަންގެ ލީޑަރު ވިދާޅުވެފައި ވަނީ އެ ހަރަކާތުގެ ހިތި ހަގީގަތް ސަރުކާރަށް ވިސްނައި ދިނުން ކަމަށެވެ.
ފްރާންސްގެ ރައްޔިތުން ރުޅިގަދަވެ، މަގުމައްޗަށް ނުކުންނަން ޖެހުނު ޕެންޝަން ރިފޯމް ބިލަކީ ރައްޔިތުން އެއްގޮތަކަށް ވެސް ބަލައިގަންނަން ބޭނުންވާ އެއްޗެއް ކަމަކަށް ނުވެ އެވެ. އެ ބިލުގައި އެންމެ މައިގަނޑު ބަދަލަކަށް އޮތީ ރިޓަޔާ ކުރެވޭ އުމުރު 62 އަހަރުން 64 އަކަށް މަތި ކުރުމެވެ.
މި ބަދަލު ގެނައުމަށް ނިންމާފައި ވަނީ 2030 ގަ އެވެ. މީގެ އިތުރުން އާ ސްކީމްގެ ދަށުން ޕެންޝަން ފުރިހަމައަށް ލިބުމަށްޓަކައި އުމުރުން 40 އަހަރު މަސައްކަތް ކޮށްފައި ހުންނަން ޖެހެ އެވެ. ބޭނުމަކީ ޕެންޝަނަށް ކުރާ ހޭދަ މަދު ކުރުމާއި ޕެންޝަން ބަޖެޓުގައި މިހާރު އޮތް ޑެފިސިޓް ކުޑަކުރުމެވެ.
ޕެންޝަން ބިލުގެ މައްސަލައިގައި މަގުތަކަށް ނުކުތް ރައްޔިތުން ކޮންޓްރޯލް ނުވުމުގެ ސަބަބުން މިދިޔަ މަހުގެ 26 ގައި އެ ގައުމަށް ޒިޔާރަތް ކުރައްވަން ހަމަ ޖެހިފައި އޮތް އިނގިރޭސި ރަސްގެފާނު ޗާލްސްގެ ދަތުރުފުޅު ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. އެ ދަތުރުފުޅަކީ ޗާލްސް ރަސްކަލެއްގެ ހައިސިއްޔަތުން ބޭރު ގައުމަކަށް ކުރައްވަން ހަމަޖެހުނު ފުރަތަމަ ދަތުރުފުޅު ކަމަށް ވުމުން އެ ދަތުރުފުޅުވެފައި އޮތީ ފްރާންސަށާއި ބަކިންހަމް ޕެލަސްއަށް ވެސް ވަރަށް މުހިންމު ދަތުރުފުޅަކަށެވެ. އެފަދަ ދަތުރުފުޅެއް ކެންސަލްކުރަން ޖެހުމަކީ ފްރާންސްގައި މި ވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސީރިއަސްކަން ހާމަކޮށްދޭ ކަމެކެވެ. ފާޑުކިޔާ މީހުން ދެކޭ ގޮތުގައި އެއީ ފްރާންސަށް ކުރިމަތިވި ވަރަށް ބޮޑު ލަދުވެތިކަމެކެވެ.
ގިނަ ދުވަސްތަކަކަށް ދެމިގެން އަންނަ މުޒާހަރާތަކުގައި ޕެރިހުގެ މަގުތައް އާންމު ހާލަތަކަށް ގެނައުމަށް ފުލުހުންނަށް ވަނީ ނުކުޅެދިފަ އެވެ. އިއްޔެގެ ހަމަނުޖެހުމުގައި ހުޅުޖަހައި ރޯކޮށްލި ރެސްޓޯރެންޓަކީ ރައީސް މެކްރޮންގެ ވަރަށް ޚާއްސަ ރެސްޓޯރެންޓެއް ކަމަށް ބެލެވެ އެވެ. ދެހާސް ސަތާރަ ވަނަ އަހަރުގެ އިލެކްޝަނުގެ ކާމިޔާބީ ފާހަގަކުރުމުގެ ރަސްމިއްޔާތު ހިމެނޭ ހެން ތަފާތު ހަފުލާތަކެއް ރައީސް މެކްރޮން އެ ރެސްޓޯރެންޓްގައި ހިންގަވާ ކަމަށްވެ އެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުން ފްރާންސްގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޕެންޝަން ރިފޯމް ބިލާ ދެކޮޅެވެ. އެހެން ނަމަވެސް ސަރުކާރުން އެއްވެސް ވަރަކަށް ރައްޔިތުންގެ އަޑު އެކަމުގައި އަހާކަށް ބޭނުމެއް ނުވެ އެވެ. ނަތީޖާއެއްގެ ގޮތުން ހިނގަމުންދާ ހަމަނުޖެހުން މުޅި ގައުމުގެ ހުރިހާ ހިސާބެއްގައި ފެތުރިފައި އޮތްކަމަށް ވިޔަސް ގިނަ ސިޓީތަކުގައި ހިނގާ ހަރަކާތްތައް ގެންދަނީ ސުލްހަވެރިކޮށެވެ. އެހެން ނަމަވެސް ޕެރިސް ހިމެނޭހެން ބޮޑެތި ބައެއް ސިޓީތަކުގެ އާންމު ހާލަތަށް މި ހަރަކާތުން ވަނީ އަސަރު ކޮށްފަ އެވެ.
މައްސަލައިގެ ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތަށް މިހާތަނަށް އެދެވޭ ނަތީޖާއެއް ނުފެނެ އެވެ. ގައުމުގެ ބޮޑުވަޒީރާއެކު ޓްރޭޑް ޔޫނިއަންތަކުގެ އިސްވެރިން ބޭއްވި ބައްދަލުވުން ފެށުމާ އެކުހެން ވަނީ ކުރިޔަށް ނުގެންދެވިގެން ހުއްޓާލައިފަ އެވެ. ޓްރޭޑް ޔޫނިއަންތަކުގެ ލީޑަރުން ބުނާ ގޮތުގައި ޕެންޝަން ސްކީމާ ހެދި އުފެދުނު ނުތަނަވަސްކަން މިހާރު ވަނީ މަސައްކަތު މީހުންގެ މުސާރަ އާއި މަސައްކަތުގެ މާހައުލުގެ ހާލަތާ ވެސް ގުޅި މައްސަލަ އިތުރަށް ގޯސްވެފަ އެވެ.
އިއްޔެ ރޭގެ މުޒާހަރާތަކުގައި ޕެރިހުގެ މައި އެއާޕޯޓަށް ދާން އޮނަނަ މަގުތައް ބަންދުކޮށް ޓާމިނަލަށް ވެސް ބައެއް މީހުން ވަދެގަތެވެ. އެކަމުގެ ސަބަބުން އެއްވެސް ފްލައިޓެއް ކެންސަލް ނުވި ކަމަށް ވިޔަސް ދަތުރުވެރިންނަށް ވަރަށް ބޮޑެތި އުނދަގޫ އުފުލަން ޖެހި ދަތުރު ލަސްވުން ފަދަ ކަންތައް ކުރިމަތިވި އެވެ.
ރައްޔިތުން މަގުތަކަށް ނުކުމެ ގައުމު ހަލަބޮލި ކޮށްފައި އޮތް ކަމަށް ވިޔަސް ރައީސް މެކްރޮންގެ ސަރުކާރުން ޕެންޝަން ރިފޯމް ބިލަށް އެއްވެސް ބަދަލެއް ގެންނަން ބޭނުމެއް ނުވެ އެވެ. ޔޫނިއަންތަކުގެ ލީޑަރުން ބުނާގޮތުގައި ރައްޔިތުންގެ ޝުއޫރުތަކަކީ އެތައް ގިނަ ކަންތަކެއްގެ ސަބަބުން އުފެދިފައިވާ ރުޅިގަނޑުގެ ނަތީޖާ އެވެ. އެ މީހުން ބުނާ ގޮތުގައި ޕެންޝަން ބިލާ އެކު ހުޅުވާލެވުނު ނުތަނަވަސްކަމުގެ ސަފުހާ ލައްޕާލެވޭނީ އެކަމަށް ހުޅުވުނު ދޮރުތައް ބަންދުވުމުންނެވެ.