ނ. މަނަދޫން މަރުވެފައި އޮއްވައި ފެނުނު އެ ރަށު އުމުރުން 62 އަހަރުގެ, ނައީމާ މޫސާގެ ހަށިގަނޑު މިއަދުގެ މަޣްރިބް ނަމާދަށްފަހު ވަޅުލަން ހަމަޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހް އިތުރަށް ވިދާޅުވީ ފުލުހުންގެ ތަހްގީގު ނުވަތަ ބޮޑީ ބަލާ ނިންމުމަށްފަހު މިއަދުގެ މަޣްރިބް ނަމާދަށް ފަހު މައްޔިތާގެ ކަށުކަމާ ކެމީގެ ކަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

ނައީމާގެ ހަށިގަނޑުގެ 21 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު އޭނާގެ ޕޯސްޓް މޯޓަމް ނަހަދާ އަދި ހަށިގަނޑު ތަހްގީގަށް މާލެވެސް ނުގެނެސް ވަޅުލަން ނިންމީ ކީއްވެގެން ކަމެއް ސާފެއް ނޫނެވެ. މީގެ ކުރިން ހިނގާފައިވާ މިފަދަ އަނިޔާވެރި މަރުތަކުގައި ފުލުހުންވަނީ ޕޯސްޓް މޯޓަމް ހަދާފަ އެވެ.

އުމުރުން 62 އަހަރުގެ ނައީމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ. އޭނާ ދިރިއުޅެނީ ވަކިން ގެއެއްގައި އޭނާ އެކަންޏެވެ. ނައިމާ ގެއްލިގެން، އިއްޔެގެ އިރުއޮއްސުނު ފަހުން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ގޮސް ދޮރު ހަލާކުކޮށްލައިގެން ކޮޓަރިއަށް ވަން އިރު، އޭނާގެ ހަށިގަނޑު އޮތީ ބިންމަތީގަ އެވެ. އަދި އޭރުވެސް އޭނާ އޮތީ މަރުވެފައިކަމަށް މައުލޫމާތު ލިބެ އެވެ.