ނ. މަނަދޫގައި ގިނަ ޒަހަމް ތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު، ނައީމާ މޫސާ ގެ މަރާ ގުޅިގެން އެރަށުގެ ފަޅު ގެއެއް ފުލުހުން ބަލާ ފާސްކޮށްފި އެވެ.
މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހުމާން ސަބީހު މައުލޫމާތު ދީފައިވާ ގޮތުގައި ނައީމާގެ މަރާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންވަނީ ފަޅު ގެއެއް ބަލާ ޗެކް ކޮށްފަ އެވެ. އެގެއިން ނައީމާގެ މަރާ ގުޅުންހުރި އެއްވެސް ހެއްކެއް ފެނުނު ކަމެއް ސާފެއް ނުވެ އެވެ. އަދި އެގެ ކައިރީގައީ ބިދޭސީން އުޅޭ ގެއަކާއި ދިވެހިން ދިރިއުޅޭ ގެއެއްވެސް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މަރުގެ ތަހްގީގަށް ރަށު ހޮސްޕިޓަލުގެ ހުޅަނގު ދެކުނަށް އޮންނަ ގޯޅިން ފެށިގެން ސަރަހައްދެއް ފުލުހުން މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ނައީމާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ތަހުގީގަށް ބޭނުންވާ ނެގުމަށްފަހު ނައީމާގެ ހަށިގަނޑު އިއްޔެ ހަވީރު މަނަދޫގައި ވަނީ ވަޅުލާފަ އެވެ. ނައީމާ ވަޅުލީ ޕޯސްޓްމޯޓަމް ނުހަދަ އެވެ.