ހުޅުމާލޭގައި ވޯޓާ ތީމް ޕާކް ހެދުމަށް ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލުން ހުއްޓުވަން ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުންޏާ އެކު 2017 ވަނަ އަހަރު ހެދި އެއްބަސްވުމެއް ހެދީ ވޯޓާ ތީމް ޕާކަކާއި ހޮޓަލެއް ތަރައްގީ ކުރުމަށެވެ. އާބަންކޯ އިން އެ އެއްބަސްވުން މިދިޔަ އަހަރު ބާތިލްކޮށް އެތަން އަތުލާން ނިންމުމުން އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުނިން ވަނީ ކޯޓުން މައްސަލަ ނިމެންދެން އެތަން އަތުލުން ހުއްޓުވުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދިފަ އެވެ. އެ ކޯޓުން އެފަދަ އަމުރެއް ނެރެނުދިނެވެ. އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދީފަ އެވެ.

އާބަންކޯ އިން ވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އިސްތިއުނާފް ނިމެންދެން ވަގުތީ އަމުރެއް ނެރުމަކީ އިސްތިއުނާފް މައްސަލާގައި ދުރާލާ ގޮތެއް ނިންމީ ކަމަށް ބެލެވިދާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތަކުގައި އިންސާފުވެރިވާނީ އިސްތިއުނާފާ މެދު އަވަހަށް ގޮތެއް ނިންމުން ކަމަށް އެ ހުކުމްގައިވެ އެވެ.

އެ ހުކުމް އިއްވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދުގެ އިއްތިފާގުންނެވެ.