ހިޔާ ޓަވަރުތަކުގެ ފްލެޓްތަކުން އުކާ ސިނގިރެޓް ފިލްޓަރުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގުން އިތުރުވާތީ އެފަދަ ކަމެއް ކުރާ ފްލެޓެއް ދެން ފާހަގަވެއްޖެނަމަ ފްލެޓް އަތުލާނެ ކަމަށް އާބަންކޯ އިން ބުނެފި އެވެ.

ފްލެޓަކުން ވައްޓާލި ސިނގިރެޓް ފިލްޓަރަކުން މިރޭ ވެސް އެޕާޓްމަންޓެއްގައި ވަނީ ރޯވެފަ އެވެ.

އާބަންކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހް ވިދާޅުވީ އެކަން ކުރި މީހަކު ހޯދަން ފުލުހުންނާއި އާބަންކޯ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ކަންކަން ދެން ލުއިކޮށް ނުނަގާނެ ކަމަށާއި އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު ދެން ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އާބަންކޯ އިން އެއްވެސް ވަރަކަށް ޓޮލެރޭޓް ކުރާނެ ކަމެއް ނޫން. އެންމެ މީހަކާ ހެދި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހަޅަން ފުރުސަތެެެއް ނުދެވޭނެ،" މިމްރާހް ވިދާޅުވި އެވެ.

ސިނގިރެޓް ފިލްޓަރެއް ވައްޓާލުމުން މިރޭ ރޯވީ ޓަވަރު ހަތެއްގެ ފުރަތަަމަ ބުރީގެ ފްލެޓެއްގަ އެވެ. މި މަހުގެ ތެރޭގައި ޓަވަރު ފަހެއްގެ 17 ވަނަ ބުރީގައި ވެސް ސިނގިރޭޓް ފިލްޓަރެއްގެ ސަބަބުން ރޯވި އެވެ.