މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއިން ބުނެދެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު އޮތް މިންވަރު ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ބޮޑު ތަފާތަކުން ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާޒް ކާމިޔާބު ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ފައްޔާޒް ވަނީ އެ އިންތިހާބު ކާމިޔާބުކޮށްދިނުމަށް އެމްޑީޕީގެ ޓީމުންކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އާދަމަށް ލިބުނީ 1226 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒަށް ލިބުނީ 1346 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފަށް ލިބުނީ 122 ވޯޓެވެ.

މި ނަތީޖާއަށް ބަލާއިރު، ޝާޒް އިންތިހާބު ކާމިޔާބުކުރީ 120 ވޯޓުގެ ތަފާތުންނެވެ. މިދިޔަ އަހަރު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވެސް ބޮޑު ތަފާތަކުން ކާމިޔާބު ކުރީ އެމްޑީޕީންނެވެ.

އެމްޑީޕީގެ ތެރޭގައި ފެކްޝަން އުފެދިފައިވާ ދަނޑިވަޅެއްގައި މިފަދަ ކާމިޔާބެއް ލިބުމަކީ ރައީސް ސޯލިހާއި ސަރުކާރު ރައްޔިތުން ބަލައިގަންނަ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އިންތިހާބުގެ ނަތީޖާއަށްފަހު ކުރެއްވި ޓްވީޓެއްގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވީ މުޅި ރާއްޖެއިން ވެސް ރައީސް ސޯލިހު ބަލައިގެންފިކަން މިއަދު ހާމަވެއްޖެ ކަމަށެވެ.