އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެ ރަށު ބައެއް މީހުންގެ ހަށިގަނޑުން ސާމްޕަލް ނަގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާގެ އާއިލާގެ ބައެއް މީހުންނާއި އޭނާގެ ހަށިގަނޑު ފެނުނު ދުވަހު އެ ގެ ކައިރީގައި އުޅުނު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލްއާއި ފިންގާ ޕްރިންޓް ވަނީ ނަގާފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބޮޑު ފޮރެންސިކް ޓީމަކުން އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުން ދާިއރު ރަށުގެ ބައެއް ސަރަހައްދުތައްވެސް ވަނީ ބަލައިފާސްކޮށްފަ އެވެ. އަދި ނައީމާގެ ހަށިގަނޑު ފެނުނު އޭނާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.

ނައީމާގެ މަރުގެ މައްލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އަދި މި މަރާބެހޭގޮތުން ފުލުހުން މައުލޫމާތުވެސް ހާމަކޮށްފަ އެއް ނުވެ އެވެ. އެހެންކަމުން ރަށު ކައުންސިލުންވެސްވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުން އައި ނައީމާ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާގެ ހަބަރެއް ނުވެގެން އެކަން ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު އިރުއޮއްސި 6:13 ހާއިރެވެ.މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަތްއިރު، އޭނާ އޮތީ ޒަހަމްތަކާއެކު ބިންމަތީގައި މަރުވެފަ އެވެ.

އޭނާގެ ހަށިގަނޑުގެ 21 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވެ އެވެ.