ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ސިޔާމާއި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އެއްވެސް ކޮމިޓީއަކަށް ހެކިބަސްދޭން ހަމަޖެހިފައިނުވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައެއްގައި އޭނައާ ދެކޮޅަށް ޝިޔާމާއި ޝުޖާއު ހެކިބަސްދޭން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމާ ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެއްވެސް ކޮމިޓީއަކަށް އެ ދެ ބޭފުޅުން ހެކިބަސްދޭން ހަމަޖެހިފައިނުވާ ކަމަށެވެ.

ހީނާ ވިދާޅުވީ ކައުންސިލަރު ރަމީޒްގެ ސުލޫކީ މައްސަލައެއް އެ ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ މައުލޫމާތު ހިއްސާކުރެވޭނީ އެ ކޮމިޓީން އެކަމުގެ މައުލޫމާތު ހާމަކުރުމުން ކަމަށެވެ.

އެނގިފައިވާގޮތުގައި ކައުންސިލަރު ރަމީޒާ ދެކޮޅަށް ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައި ވަނީ އެހެން ބޭފުޅަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމަށް ވަކާލާތުކޮށް ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް މި ތުހުމަތުތަކާ ގުޅޭގޮތުން ރަމީޒްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.