ކޮރެއާގެ މަޝްހޫރު ކޭޕޮޕް ބޭންޑެއް ކަމަށްވާ ބީޓީއެސްގެ އިތުރު މެމްބަރަކު އެގައުމުގެ އަސްކަރީ ޚިދުމަތާ ގުޅިއްޖެ އެވެ.
މިފަހަރު އަސްކަރިއްޔާއާ ގުޅިފައިވަނީ ބޭންޑުގެ ލަވަކިޔުންތެރިޔާ ޖޭހޯޕް އެވެ. އުމުރުން 29 އަހަރުގެ ޖޭހޯޕް ވަނީ ކުޑަ ރަސްމިއްޔާތަކަށްފަހު ރަސްމީކޮށް އަސްކަރިއްޔާއާ ގުޅިފަ އެވެ.
ޖޭހޯޕްއަކީ އަސްކަރިއްޔާއާ ގުޅުނު ބީޓީއެސްގެ ދެވަނަ މެމްބަރެވެ. މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހު އެ ބޭންޑުގެ އެންމެ ދޮށީ މެމްބަރު ޖިން ވެސް ވަނީ އަސްކަރިއްޔާއާ ގުޅިފަ އެވެ.
ދެކުނު ކޮރެއާގައި އުމުރުން 21 އަހަރާއި 28 އަހަރާ ދެމެދުގެ ކުޅަދާނަކަން ލިބިގެންވާ ހުރިހާ ފިރިހެނުން 18 މަހާއި 21 މަހާ ދެމެދުގެ މުއްދަތަކަށް އެގައުމުގެ އަސްކަރިއްޔާއަށް ހިދުމަތް ކުރަން ޖެހެ އެވެ.
އެހެން ނަމަވެސް ގްރެމީއަށް ނޮމިނޭޓް ވެފައިވާ ބީޓީއެސްގެ މެމްބަރުން އަސްކަރިއްޔާއަށް ހިދުމަތް ކުރަން ޖެހޭ އުމުރު އެ ގައުމުގެ ސަރުކާރުން ވަނީ އިތުރު ކޮށްދީފަ އެވެ. ޖިން އަސްކަރިއްޔާއާ ގުޅުނީ އުމުރުން 30 އަހަރުގަ އެވެ.
ބީޓީއެސްއަކީ ކޮރެއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ވަރަށް މަގުބޫލުކަން ހޯދާފައިވާ ބޭންޑެކެވެ. އެ ބޭންޑުގެ ކާމިޔާބީއަށް ބަލައި އަސްކަރީ ޚިދުމަތުން އިސްތިސްނާ ކުރަން ވެސް ސަރުކާރުން މަޝްވަރާ ކުރި އެވެ.
އެހެން ނަމަވެސް ބޭންޑުގެ އެޖެންޓުން މިދިޔަ އަހަރު ބުނެފައިވަނީ ބޭންޑުގެ ހުރިހާ މެމްބަރުން ވެސް 2025ގެ ކުރިން އަސްކަރީ ޚިދުމަތް ފުރިހަމަ ކުރާނެ ކަމަށެވެ.