މި އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަން ފަށަފައި ވަނީ ރޯދަ މަސް ފެށުމާއެކު އެވެ. އެހެން ނަމަވެސް ރޯދަ މަހުގެ 27 ވަނަ ދުވަހުން ފެށީގެން އޮންލައިންކޮށް ޒަކާތް ބަލައިގަތުން ވަނީ ހުއްޓާލާފައި އެވެ.
މިހާރު އޮންލައިންކޮށް ފިތުރުޒަކާތް ދެއްކޭނީ ހަމައެކަނި ބަނޑޭރި ޕޭ މެދުވެރިކޮށް އެކަނި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން، ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުން ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ ހަވީރު 5:30 އާ ހަމައަށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި، އަދި ގޮވާމުން ޒަކާތް ބަލައިގަތުން މިރޭ 10:30 އާ ހަމައަށް މަޖީދިއްޔާ ސްކޫލުް ހޯލުގައި ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް 2،700 އަށް ވުރެ ގިނަ މީހުން ގޮވާމުން ޒަކާތް ދައްކާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. ޒަކާތް ބަހާނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.