ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެތީ، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ އެވެ. އަދި މި މުއްދަތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، މި ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، ގެދޮރަށާއި މުދަލަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅު އެޅުމަށާއި، ކަމާބެހޭ އިދާރާތަކުން ދޫކުރާ މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް އަބަދުވެސް ހޯދައި ސަމާލުވެ ތިބުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ރޭ އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ގއ. ކޮލަމާފުއްޓަށެވެ. ބޯކޮށް ވާރޭވެހި އެ ރަށުގެ 45 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ރަށުގެ ސިއްހީ މަރުކަޒަށްވެސް ވަނީ ފެންވަދެފަ އެވެ. މީގެއިތުރުން، ށ. ޅައިމަގަށް މިއަދު ހެނދުނު އެރި ނަގޫރޯޅިއެއްގައި އެ ރަށުގެ 22 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހަކަށް ވަނީ އަނިޔާވެފަ އެވެ.

މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރުވެސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ރީނދޫ އަދި ހުދު ސަމާލު (ވައިޓް އަދި ޔެލޯ އެލާޓް) ނެރެފަ އެވެ.