ނިއުދިއްލީ (3 ޖެނުއަރީ) - ކޮވިޑާ ދެކޮޅަށް އިނގިރޭސިވިލާތުގެ އޮކްފޯޑް ޔުނިވާސިޓީ އާއި އަސްޓްރާޒެނެކާ ގުޅިގެން އުފެއްދި ވެކްސިން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވޭނީ އިންޑިއާއަށް ބޭނުންވާ ވަރަށް އުފެއްދުމަށް ފަހު ކަމަށް ބުނެފި އެވެ.

އަސްޓްރާޒެނެކާ ވެކްސިން އުފައްދާ ދުނިޔޭގައި ވެސް އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދަރު ޕޫނާވާލާ ވިދާޅުވިގޮތުގައި އިންޑިއާގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބުމާއެކު އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭނީ އިންޑިއާއަށް ބޭނުންވާ ވަރަށް ވެކްސިން ފޯރުކޮށްދީ ނިމުމުން ކަމަށެވެ. އަދި އެންމެ ފުރަތަމަ 100 މިލިއަން ޑޯޒްގެ ވެކްސިން އިންޑިއާއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕޫނާވާލާ އިތުރަށް ވިދާޅުވި ގޮތުގައި އިންޑިއާ ސަރުކާރުން ވެކްސިން ދިނުމުގައި އިސްކަންދޭނީ އެންމެ ބަލި މީހުންނަށް ފުރަތަމަ ވެކްސިން ދޭށެވެ.

އިންޑިއާ ސަރުކާރުން އުންމީދުކުރާ ގޮތުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެއްޓުމާއެކު މިއަހަރުގެ ހަ މަސް ނުވަތަ 8 މަސް ތެރޭގައި އެގައުމުގެ 1.35 ބިލިއަން މީހުންގެ އާބާދީ ތެރެއިން 300 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ފޯރުކޮށްދެވޭނެ އެވެ.

އަސްޓްރާ ޒެނެކާ ވެކްސިން ފޯރުކޮށްދިނުމަށް ރަސްމީކޮށް އަދި އިންޑިއާ ސަރުކާރާއެކު މި ކުންފުނިން އެއްބަސްވުމެއް ހަދާފައެއް ނުވެ އެވެ. ނަމަވެސް އެ ކުންފުނިން އުންމީދުކުރާގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި މި އެގްރީމަންޓްގެ ކަންކަން ނިމިގެންދާނެ އެވެ. - ރޮއިޓާސް