ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ އެ މަސްތުވާތަކެތި ފެނުނީ މި މަހުގެ 15ވަނަ ދުވަހު ކުރިއާ ސާވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެ ތަކެތި ބަލައިފާސް ކުރުމުން ކަމަށެވެ.

ބަލައިފާސް ކުރެވުނު ޕެކޭޖުގައި ހުރި ހަތަރު ޕެކެޓެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރުއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްއިން ބުންޏެވެ. އަދި، މި ތަކެތިީގެ ބަރުދަނުގައި ޖުމްލަ 1،040 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތީގެ މަގުމަތީ އަހު 1.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަތުލައިގަތް މަސްތުވާތަލެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ކުރިއާ މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިން ވަނީ އިތުރުވެފަ އެވެ.