ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ބަދަލުކޮށްފައިނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގައި ފާއިތުވި ދެ އަހަރެއްހާ ދުވަހު ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ދެމެހެއްޓުމުގައި ދިވެހި ސަރުކާރުން ފަސްޖެހުމެއްނެތި ދެމިއޮންނާނެ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުކުރި ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް، ޕީއެންސީން ނެރުނު ބަޔާނުގައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ރައީސް އޮފީހުން ބުނީ އދގެ އާއްމު މަޖިލީހުގެ ގަރާރެއް ކަމަށްވާ "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965" މިޤަރާރު އެމަޖިލީހުގެ ތަޅުމަށް އަލުން ހުށަހެޅިއްޖެނަމަ، އެގަރާރަށް ރާއްޖެއިން ތާއީދުކުރުމަށް ނިންމާފައިވާކަން ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް އަންގާފައިވާނެ ކަމަށެވެ.
"މި ނިންމުން ނިންމީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފާގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ފުރިހަމައަށް ބަލައިގަތުމަށް ނިންމާފައިވާކަން އިޓްލޮސްއިން އެންގުމާ ގުޅިގެންނެވެ،" އެ ބަޔާނުގައިވެ އެވެ.
ރައީސް އޮފީހުން ބުނީ އދ.ގެ އާއްމު މަޖިލީހުގެ އެޤަރާރަކީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގޮތަކުން ގުޅުންހުރި ޤަރާރެއް ނޫން ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން އިޓްލޮސްގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ޤާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެކަން މޮރިޝަސްގެ ސަރުކާރަށްވެސް އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރު "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965" އާ ދެކޮޅަށް ރާއްޖެއިން ކުރިން ވޯޓުލާފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
2019 ވަނަ އަހަރު އދ.ގެ އާއްމު މަޖިލީހުން އެގަރާރު ފާސްކުރުމާ ގުޅިގެން ރާއްޖެއިން ލީ ވޯޓުގެ އެކްސްޕްލެނޭޝަނުގައި ރާއްޖެއިން ފާހަގަކުރިގޮތުގައި ރާއްޖޭގެ ވޯޓަކީ އެގަރާރާ ދެކޮޅަށް ލީ ވޯޓެއް ނޫނެވެ. އަދި އެއީ އިސްތިޢުމާރިއްޔަތާ ދެކޮޅަށް ރާއްޖެއިން ގެންގުޅެމުން އައި ޒަމާންވީ ސިޔާސަތާ ވެސް ދެކޮޅު ވޯޓެއް ނޫން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން، ރާއްޖެއިން ފާހަގަކުރި ގޮތުގައި ރާއްޖެއިން އެޤަރާރާ ދެކޮޅަށް ލީ ވޯޓަކީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ގާނޫނީ ނުކުތާތަކަށާއި ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް 2010 ވަނަ އަހަރު ރާއްޖެއިން ހުށަހަޅާފައިވާ ހުށައެޅުމަށް އެއްވެސް އުނިއިތުރުކަމެއް ގެނުވާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އަމަލުކުރައްވާފައި ވަނީ އެމަނިކުފާނަށް ގާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކޮށްފައިވާ ތުހުމަތުތައް ވެސް ރައީސް އޮފީހުން ވަނީ ދޮގުކޮށްފަ އެވެ.
"ޤާނޫނު އަސާސީގެ 3 ވަނަ މާއްދާގައިވާގޮތުން ދިވެހިރާއްޖޭގެ ޞަރަޙައްދަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދެންޖެހެއެވެ. ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެވެ. މި ސަރަޙައްދުގެ އިމަކީ މިހާތަނަށް އައި އިރު، ބައިނަލްއަޤުވާމީ ކަނޑާބެހޭ މުޢާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަޙައްދެއް ނޫނެވެ. ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ޤާނޫނު އަސާސީން ލިއްބައިދީފައިވާ ބާރަކަށްވީހިނދު އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނަމެވެ. މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށައެޅުމާއެކު، އިޓްލޮސް މެދުވެރިކޮށް މިމައްސަލައަށް ޙައްލުހޯދައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ދިވެހިރާއްޖޭގެ ސަރުކާރުން ނިންމެވީ ވަޒީރުންގެ މަޖީލީހުން އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުއެވެ،" ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
ލިޔެވިފައިވާ ޤާނޫނު އަސާސީއެއްގެ ތަރަހައިގެ ތެރޭގައި ވެރިކަމެއް ރާއްޖޭގައި ކުރަމުންދާތާ ޤަރުނަކާ ގާތްވާއިރު، އަދި އެއަށްވުރެ ދުރު މާޒީއަށް ބެލިނަމަވެސް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތާ ޚިލާފަށް، ޗާގޯސް އާކިޕެލާގޯގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާކަމަށް އެއްވެސް އިރެއްގައި ރާއްޖެއިން ދަޢުވާ ކޮށްފައެއް ނުވެއެވެ.
ރައީސް އޮފީހުން ބުނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާއި ރައްޔިތުންގެ މެދުގައި ނުހަނު ޚައްސާސް މައްސަލައެއްގައި ސިޔާސީ މަންފާ ހޯދުމަށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މިކަން އެންމެ ސާފުވާކަމަކީ، 2019 މޭ 24 ގައި ޕީޕީއެމް އިން ނެރުނު ބަޔާނުގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދަޢުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވާލި އދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން ދިވެހިރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭނެކަމަށް ބުނެފައިވާތީ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އަދި އެވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތް ވޯޓެއްކަމަށް ވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އޭރު ބުނެފައިވެއެވެ. އެ ޕާޓީން މިހެން ބުނެފައިވީ ނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސަރުކާރުން 2017 ޖޫން 22 ގައި ވަނީ ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އ.ދ.ގެ ޢާއްމު މަޖިލީހަށް ހުށަހެޅި ޤަރާރާ ދެކޮޅަށް ވޯޓު ލާފައެވެ،" އެ ބަޔާނުގައިވެ އެވެ.
ދޮގެއްނޫނީ ނުހަދާތި! ސިޔާސަތު ބަދަލުވީކަން ޔަޤީންވާވަރަށް ދޮގުހަދައި ސިޓީބަދަލުކޮށް، އޭގައިހުރި ވާހަކަތައް ސިއްރުކޮށްފި، ގައިމު ކަމެއްވީމަތާ މާބޮޑުސިއްރަކަށްވެގެން އެވާހަކަ ސިއްރުކުރަން މަރުފަލިޖަހާނީ. މާދަން ތިކަން ޔަޤީންވާނެ، މާދަން ހަދާނެ ދޮގުތައްލިޔަން މިރޭ މުޅި ސަރުކާރާއި ނަމެއްގަ މިނިވަންކޮށް މުއައްސަސާތަކަށް ޢައްޔަންކޮށްފަވާ އެކްޓިވިސްޓުން ނުނިދާ ހޭލާއުޅޭނެ. ތިޔަދޮގުތައް އަހާއަހާ ފޫހިވެއްޖެ، އިތުރަށްދޮގުހަދާނެކަމެއްނެތް.