ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި 5،300 ރުފިޔާއަށް ކުޑަކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ފްލެޓްގެ ވެރިން ނަގާފައިވާ ލޯނުތައް ދައްކަން ޖެހޭ މުއްދަތަށް ބަލައި ކޮންމެ މަހަކު ދައްކަންޖެހޭ ކުލި ކުޑަކޮށްދޭން ނިންމާފައިވާ ކަމަށެވެ.

ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ މިންވަރު ކުޑަކޮށްދީފައި މިވަނީ ކުލި ބޮޑުވުމުން ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުން އަހަރުތަކެއް ވަންދެން އެކަމާ ހިތްހަމަނުޖެހިގެން އިހްތިޖާޖުކޮށް، ސަރުކާރަށް ކުލި ކުޑަކޮށްދޭން ޑިމާޑްކޮށްފައިވަނިކޮށެވެ.

ސަރުކާރުގެ އޮފިޝަލް ވިދާޅުވީ ފިނިޝިންގެ މަސައްކަތަށް ނަފާއިވާ ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތަށް ސަރުކާރުން އިތުރު ކޮށްދިނީ ހަތް އަހަރުގެ މުއްދަތެއް ކަމަށެވެ. ލޯނު އަނބުރާ ދައްކަން ކުރިން ކަނޑައަޅާފައި އޮތީ 25 އަހަރެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެގޮތުން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އިމާރާތްކުރި 25 ބުރީގެ ޓަވަރުތަކުގެ ކުލި އެކަމިކުފާނު ކަނޑައެޅުއްވީ ވަރަށް ކުޑަކޮށެވެ. އެ ކުލި ބޮޑުކުރީ މި ސަރުކާރުންނެވެ. މިހާރު ކުލީގެ ގޮތުގައި ދައްކަންޖެހެނީ 7،500 ރުފިޔާ އެވެ. ނަމަވެސް މެއިންޓަނެންސް ފީއާ އެކު 8،500 ރުފިޔާ ކޮންމެ މަހަކު އާބަންކޯ އިން ނަގަ އެވެ.