މޮސްކޯ 4ޖެނުއަރީ) - ރަޝިއާގެ ވައިގެދަތުރުފަތުރު ކުރާ މީހުންނަށް ވެކްސިން ޖެހިކަން އަންގައިދޭ ސެޓްފިކެޓެއް ދިނުމަށް ސަރުކާރުގެ އިދާރާތަކަށް ރައީސް ވުލަޑިމިއާ ޕުޓިން އަންގަވައިފި އެވެ.

ރަޝިއާ ސަރުކާރުން ގެޒެޓްކުރި ލިޔުމެއްގައި ޕުޓިން އަންގަވާފައި ވަނީ ރަޝިއާއިން އުފެއްދި ވެކްސިން ޖަހާފައި ތިބި މީހުން ދަތުރު ކުރާއިރު އިންޓަނޭޝަނަލީ ގަބޫކުރާ، ވެކްސިން ޖެހިކަމުގެ ލިޔުމެއް ސަރުކާރުން އެމީހުންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށެވެ.

ރަޝިއާގެ މަޝްހޫރު ނިއުސް އެޖެންސީ ޓީއޭއެސްއެސް އިން ބުނީ ޖެނުއަރީ މަހު 1 ން ފެށިގެން ރަޝިއާގައި ވެކްސިން ޖަހާފައިވާ ކޮންމެ މީހަކަށް އިލެކްޓްރޯނިކް ވެކްސިނޭޝަން ސެޓްފިކޭޓެއް ލިބޭނެ ކަމަށެވެ.

ހެލްތް މިނިސްޓަރު މިކާއިލް މުރަޝްކޯ ވިދާޅުވި ގޮތުގައި މިހާތަނަށް ރަޝިއާއިން ވަނީ 800،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފަ އެވެ. އަދި 1.5 މިލިއަން ޑޯޒްގެ ވެކްސިން ވަނީ އެކިތަންތަނަށް ފޮނުވިފަ އެވެ.

ރަޝިއާއަކީ މުޅި ދުނިޔޭގައި ވެސް ހަތަރުވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރި ގައުމެވެ. ރަޝިއާއިން އެ ގައުމުގައި އުފެއްދި ސްޕުޓްނިކްވީ ވެކްސިން ދޭންފަށާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ކުރީކޮޅުގަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަދި އެއްވެސް ވަރަކަށް ދަތުރުކުރާ މީހުންގެ އަތުގައި ވެކްސިން ޖެހިކަމުގެ ސެޓްފިކޭޓް އޮންނަންޖެހޭނެ ކަމަށް އަންގާފައެއް ނުވެ އެވެ. ނަމަވެސް މީޑިއާ ހަބަރުތައް ބުނާ ގޮތުން ޑަބްލިއުއެޗްއީ އިން ދަނީ އިލެކްޓްރޯނިކް ވެކްސިން ބޭނުން ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ޕައިލެޓް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ.

ހޯމަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ކޮވިޑް ޖެހިގެން 23،351 ކޭސް އަލަށް ރިކޯޑްކޮށްފައިވެ އެވެ. އަދި 482 މީހުން މަރުވެފައިވެ އެވެ. މި އަދަދާއެކު ރަޝިއާއިން މަރުވި މީހުންގެ ޖުމްލަ އަދަދު 58،988 އަށް ވަނީ އަރާފަ އެވެ. – އަލްއަރަބިއާ