މޮސްކޯ (4 ޖެނުއަރީ ) - ރަޝިއާގައި އަހަރުތަކެއް ވަންދެން އަންހެނުންނަށް ރޭލު ނުދުއްވޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް އަންހެނުންނަށް ރޭލު ދުއްވުމުގެ ވަޒީފާ ދީފި އެވެ.

މޮސްކޯގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުނީ މުޅިން އަލަށް އިލެކްޓްރިކް ޓްރެއިންގެ ޑްރައިވަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ އަންހެނުން މޮސްކޯ މެޓްރޯއަށް ނަގާފައިވާ ކަމަށެވެ.

ރަޝިއާގައި ވެސް އަދި މުޅި ދުނިޔޭގައި ވެސް ރޭލު ޑްރައިވަރުންގެ ގޮތުގައި އާންމުކޮށް ހަރަކާތްތެރި ވަނީ މުޅިން ވެސް ފިރިހެނުންނެވެ. ރަޝިއާގައި ރޭލު ޑްރައިވަރުންގެ ވަޒީފާއަކީ އަންހެނުންނަށް ނުރައްކާތެރި ވަޒީފާއެއްގެ ގޮތުގައި މީގެ ކުރިން ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ސަބަބެއް ކަމަށް ރަޝިއާގެ އިދާރާތުން ބުނަމުން ދިޔައީ ރޭލުދުއްވާ މަގުތައް ހެދިފައިހުރީ ބިމުއަޑީގައި ކަމުން ގިނަ ވަގުތު ބިމު އަޑީގައި މަސައްކަތް ކުރަންޖެހުމެވެ.

ނަމަވެސް މިކަމާ ދެކޮޅަށް އަޑުއުފުލާ މީހުން ބުނަނީ ހަމަ މި ޓްރެއިންތަކުގައި ސާފުކުރާ މީހުންނާއި ކޭޝިއަރުންނާއި އެހެންވެސް ވަޒީފާތަކުގައި އަންހެނުން މިހާރު ވެސް މަސައްކަތްކުރާއިރު ޓްރެއިން ޑްރައިވަރުންގެ ގޮތުގައި އަންހެނުންނަށް ނުތިބެވޭނެ ގޮތަށް އޮތުމަކީ ބޮޑު ޖޯކެއް ކަމަށެވެ.

މިފަދަ ފާޑުކިޔުންތަކާއި ގުޅިގެން މިދިޔަ އަހަރު ލޭބާ މިނިސްޓްރީން ވަނީ ފިރިހެނުންނަށް ހާއްސަ ވަޒީފާގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ ވަޒީފާތަކުގެ އަދަދު 456 ން 100 އަށް މަދުކުރުމަށް ނިންމައި އޯޑަރެއް ނެރެފަ އެވެ.

މިއަހަރު ޖެނުއަރީ މަހުން ފެށިގެން މި އޯޑަރަށް އަމަލުކުރުމަށް ފަށާނެ އެވެ. މި އޯޑަރުން ކުރިން އަންހެނުންނަށް ނުކުރެވޭ ވަޒީފާ ތަކުގެ ގޮތުގައި ކަނޑައެޅިފައިވާ ވަރަށް ގިނަ ވަޒީފާތަށް މިހާރު އަންހެނުންނަށް ވެސް ކުރެވޭ ގޮތަށް ފާސްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދަގަނޑުގެ މަސައްކަތް، ބަސް ޑްރައިވަރުން، އޮޓޯ މެކޭނިކްސް، އަދި މިފަދަ އެތަށް ވަޒީފާއެއް ހިމެނެ އެވެ. – އަލްއަރަބިއާ