ޓެލްއަވީވް (4 ޖެނުއަރީ )ފަލަސްތީނުގެ 729 ބިލްޑިން އިމާރާތްކުރުމުގެ ހުއްދަ ނެތް ކަމަށް ބުނެ ހަލާކުކޮށްލާފައިވާ ކަމަށް އިޒްރޭލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕަކުން އެކުލަވާލި ރިޕޯޓެއްގައި ބުނެފި އެވެ.

އިޒްރޭލް އިންފޮމޭޝަން ސެންޓާ ފޯ ހިޔުމަން ރައިޓްސް އިން ދި އޮކިއުޕައިޑް ޓެރިޓަރީސް، ބައަތު ސަލީމް ގްރޫޕުން އެކުލަވާލި ރިޕޯޓްގައި ވާގޮތުން މިދިޔަ އަހަރު އިޒްރޭލުން ވަނީ ފަލަސްތީނުގެ 273 ގެ ސުންނާފަތިކޮށް 1،006 މީހުން ރެފިއުޖީންނަށް ހަދާފަ އެވެ. މީގެ ތެރޭގައި 519 ކުޑަކުދިން ހިމެނެ އެވެ. މީގެ އިތުރުން ދިރުއުޅުމަށް ނޫން ގޮތުގައި ބޭނުންކުރާ 456 އިމާރާތެއް ހަލާކުކޮށްލާފައިވެ އެވެ. މީގެ ތެރޭގައި ސިއްހީ ހިދުމަތްދޭ ތަންތަނާއި، އަސާސީ ހިދުމަތްދޭ ތަންތަން ކަމަށްވާ ފެނާއި އަދި ކަރަންޓް ދިނުމަށް ބޭނުންކުރާ އިމާރާތްތައް ހިމެނެ އެވެ.

މި ރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި ފަލަސްތީނު ރައްޔަތުންނާއި ދެކޮޅަށް އިޒްރޭލުން ސިފައިން ހިންގި ރަހުމްކުޑަ، ލާއިންސާނީ އަމަލުތަކުގެ ސަބަބުން 27 ފަލަސްތީން ރައްޔިތުން ވަނީ މަރުވެފައިވެ އެވެ. މީގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނެ އެވެ.

މަރުތައް ތަހުހީގު ކުރުމުން އެނގުނު ގޮތުގައި މީގެ ތެރެއިން 11 މަރަކީ އެއްވެސް ވަރަކަށް ސަބަބު ބަޔާންކޮށްފައިވާ މަރުތަކެއް ނޫނެ އެވެ. މަރުވި އެއްވެސް މީހެއްގެ ކިބައިން އިޒްރޭލުގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ހާނިއްކައެއްވާ ފަދަ އެއްވެސް އަމަލެއް ވެސް ކޮށްފައި ނެތެވެ. މި މީހުން މަރާލާފައި ވަނީ ކީއްވެގެން ކަމެއް އިޒްރޭލުގެ ސިފައިންނަށް ބުނެދެވިފައެއް ވެސް ނެތެވެ.

މި ގްރޫޕުން ބުނިގޮތުގައި ހުޅަނގު އައްސޭރީގައި ގަދަކަމުން ވަޒަންވެރިވެ ތިބި އިޒްރޭލު މީހުންގެ ފަރާތުން 248 ހަމަލާ ފަލަސްތީނުގެ މީހުންނަށް ދީފައިވެ އެވެ. މީގެ ތެރޭގައި ޖިސްމާނީ އަނިޔާއާއި ފަލަސްތީން މީހުންގެ ގެތަކަށް ގާއުކުމާއި، ދަނޑުވެރިންގެ ދަނޑު ބިންތަކަށް ގެއްލުން ދިނުމާއި ގަސްތަކަށް ގެއްލުން ދިނުން ހިމެނެ އެވެ. އަދި އިޒްރޭލުގެ ސިފައިންވަނީ ފަލަސްތީނުގެ އަވަށްތަކަށް 3،000 ފަހަރު ރެއިޑްކޮށްފަ އެވެ. އަދި ފަލަސްތީން 2،480 ގެޔަކަށް ގަދަކަމުން ވަދެފަ އެވެ.

ރިޕޯޓުގައި ވަނީ ކުއްލި ޗެކްޕޮއިންޓްތަކެއް ގިނަގިނައިން ޖަހާކަމަށް ވެސް ފާހަގަކޮށްފަ އެވެ. ދާއިމީކޮށް ޖަހާފައި ހުންނަ ޗެކްޕޮއިންޓްތަކުގެ އިތުރުން އިޒްރޭލުގެ ސިފައިން ވަނީ 3،524 ޗެކް ޕޮއިންޓް އެ މީހުން ބޭނުންއިރަކު ބޭނުން ތަނެއްގައި ޖަހާފަ އެވެ. އަދި މި ޗެކްޕޮއިންޓްތަކުންނާއި އެހެނިހެން ގޮތް ގޮތުން އިޒްރޭލުގެ ސިފައިންނާއި ފުލުހުން ވަނީ ފަލަސްތީނުގެ 2،785 މީހުން ބަންދުކޮށްފަ އެވެ.

1967 އަހަރުން ފެށިގެން އިޒްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަނީ އެތަކެއް ޔަހޫދީންނެއް ގަދަކަމުން ވަޒަންވެރި ކުރުވާފަ އެވެ. އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް އ.ދ އިން ވަނީ އެތަކެއް ފަހަރު ގޮވާލާފަ އެވެ. އެތަކެއް ލާއިންސާ އަމަލު ހިންގާއިރު ވެސް އެ މީހުންގެ އަމަލުތައް ހުއްޓުވުމުގެ އެއްވެސް ބާރެއް ދުނިޔޭގެ ގައުމުތަކަށް ލިބިފައި ނުވާ ފަދަ އެވެ. – ޓީއާރްޓީ ވޯލްޑް