ރާއްޖޭގެ އެންމެ ފުރަތަމަ ޕައިލެޓް އިބްރާހީމް ރަޝީދު 40 އަހަރު ފަހުން ޕައިލެޓް ކަމުން ރިޓަޔާ ކުރައްވައިފި އެވެ.

ދިވެހި ފުރަތަމަ ޕައިލެޓް އިބްރާހިމް ރަޝީދު ހިދުމަތް ކުރައްވަން ފެށީ 1983 ވަނަ އަހަރު އެއާ މޯލްޑިވްސްގެ ޕައިލެޓްގެ މަގާމުންނެވެ.

ކެޕްޓަން އިބްރާހީމް ރަޝީދު ރިޓަޔާވުމުގެ ކުރިން ކުރެއްވި ފަހު ދަތުރު ކުރެއްވީ އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސަންސް 001 ނަންބަރު އަތުގައި އޮވެމެއެވެ. ގާނޫނުގައި ބަޔާންކުރާގޮތުގައި 65 އަހަރުވުމުން ޕައިލެޓަށް ޕަސިންޖަރުންނާއިއެކު ދަތުރު ނުކުރެވޭނެ އެވެ. ރިޓަޔާ ކުރެއްވިއިރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވިލާ އެއާގަ އެވެ.

ކެޕްޓަން އިބްރާހިމް ރަޝީދު މަގާމުން ރިޓަޔާ ކުރައްވާ ފަހު ދަތުރު އިއްޔެ ކުރެއްވި އިރު އެދަތުރު ކުރެއްވީ މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށެވެ.

އެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ. އެ ދަތުރާއެކު ކެޕްޓަން ރަޝީދުގެ ހިދުމަތުގެ އަގު ވަޒަންކުރުމަށް ވީއައިއޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

https://www.youtube.com/watch?v=JoZpfw3paeM

ތައިލެންޑުން ޕައިލެޓް ޓްރެއިނިން ހެއްދެވުމަށް ފަހު އިބްރާހިމް ރަޝީދު ޕައިލެޓެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ 1983 ވަނަ އަހަރު އެއާ މޯލްޑިވްސްގަ އެވެ. އައިލެންޑް އޭވިއޭޝަނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިތުރުން އެމްއެންޑީއެފްގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.