ލަންޑަން (5 ޖެނުއަރީ ) - އިނގިރޭސިވިލާތުގައި ކޮވިޑް ރޯގާ ފެތުރޭ މިންވަރު ވަރަށް އިތުރުވެ، ވައިރަސް ޖެހޭ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، އެގައުމު ތިންވަނަ ފަހަރަށް ލޮކްޑައުންކޮށްފި އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ޓީވީ މެދުވެރިކުރައްވައި ވިދާޅުވެފައިވަނީ ކޮވިޑް ކޭސްތައް މަދުކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން އެދެވޭ ކުރިއެރުމެއް ލިބިފައިނުވާތީ ލޮކްޑައުންގެ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިވާ ކަމަށެވެ.

ބޮޑުވަޒީރު ވަނީ އިނގިރޭސި ރައްޔަތުން ގޭގައި މަޑުކޮށް، ހެދިފައިވާ ގަވާއިދުތަކަށް ބޯލަނބައި، ކޮވިޑާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެހީތެރިވުމަށް އިލްތިމާސްކޮށްފަ އެވެ. މިފަހަރުގެ ފިޔަވަޅުތައް މިއަހަރުގެ ފެބްރުއަރީ މަހުގެ މެދަކާ ހަމަޔަށް ދިގުދެމިގެންދާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވިގޮތުގައި އެގައުމުގެ ހުރިހާ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް ކިޔެވުން އޮންލައިންކޮށް އަންގާރަ ދުވަހުން ފެށިގެން ބަދަލުކުރުމަށް ވަނީ އަންގަވައިފައިވެ އެވެ. އަދި ރެސްޓޯރަންޓްތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަންނުން ހަމައެކަނި ޑެލިވަރީ ހިދުމަތަށް ބަދަލުކޮށް، ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ހިދުމަތްދިނުމަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ އެވެ.

އަލަށް އިއުލާންކުރި ފިޔަވަޅުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ހުރިހާ އެންމެން ގޭގައި މަޑުކުރުމަށް އަންގާފައިވެ އެވެ. މި ފިޔަވަޅުތަކުން އިސްތިސްނާވާނެ މީހުންނަކީ

  • ކުރާ މަސައްކަތުގެ ގޮތުން ގޭގައި ހުރެގެން މަސައްކަތް ނުކުރެވޭނެ މީހުން
  • ކާބޯތަކެއްޗާއި ގަތުމަށާއި ކޮންމެހެން ބޭނުންވާ ސިއްހީ ހިދުމަތްތައް ހޯދުމަށް ބޭނުންވާ މީހުން
  • ކޮންމެ ހަފްތާއަކު 1 ފަހަރު ކަސްރަތުކުރުމަށް ބޭނުންވާ މީހުން
  • އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވުމަށް ދާން ޖެހޭ މީހުން
  • މެޑިކަލް އެޕޮއިންމަންޓްތަކަށް ދާންޖެހޭ މީހުންނާއި ކޮވިޑް ޓެސްޓްކުރުމަށް ދާ މީހުންނާއި އަދި ނުރައްކަލަކުން ސަލާމަތްވުމަށް އެހެންތަނަކަށް ދާންޖެހޭ މީހުން

ހޯމަ ދުވަހުގެ ނިޔަލަށް އިނގިރޭސި ވިލާތުން ވަނީ މުޅިން އަލަށް 58,784 ކޮވިޑް ކޭސް ރިޕޯޓްކޮށްފަ އެވެ. އަދި މިދިޔަ 28 ދުވަސް ތެރޭގައި އެގައުމުން ކޮވިޑް ރޯގާ ޖެހިގެން 407 މީހުން ވަނީ މަރުވެފަ އެވެ. މިއާއެކު އެގައުމުން 75838 މީހުން ވަނީ މި ރޯގާގައި މަރުވެފަ އެވެ. --ސްކައި ނިއުސް