ސަރުކާރުގެ ސިޔާސަތަކީ، ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާ ކުރުންކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި ފަންނުވެރިންނާއި ހުނަރުވެރީން އަދި މަސައްކަތްތެރީން އަގުހުރި ތާރީޚީ މަސައްކަތްކެއް ކޮށްފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީޚެއް އޮތް ޤައުމެއްކަމަށެވެ. މިގޮތުން ދިވެހިންގެ ފަންނުވެރި މަސައްކަތްތަކުގެ ތެރެއިން ގަލުވަޑާމާއި، ލާފެންކުރުމާއި، ތެދު އުއި ވަޑާމާއި ކިއްސަރުވަޑާމުގެ މަސައްކަތްތަކާއި، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފަންނުތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ފަންނުވެރިކަމަކީ، އިންސާނީ ވަސީލަތް ތަރައްޤީކުރުންކަމަށާއި، އެއީ ޤައުމީ ތަރައްޤީގެ ތަފާތު ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުންކަމަށެވެ. އަދި ޤައުމު، ޤައުމަކަށް ވަނީ، ޒަމާނީ ވިސްނުންތަކާއެކު އެތަނެއް ތަރައްޤީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަމަސައްކަތުން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

މިރޭ ހުޅުވިގެން ދިޔަ، ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، މިފެސްޓިވަލްގައި ވެސް ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާކަމީ، މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އަދި މިފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީ ވެސް، ޤައުމީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަމުގައި ރައީސް ވިދާޅުވި އެވެ.

ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023ގައި، 8 ޤައުމަކުން 80 ވުރެ ގިނަ ފަންނުވެރީން ބައިވެރިވެފައި ވެއެވެ. މިއީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. މިފެސްޓީވަލް ކުރިޔަށްދާނީ މެއިމަހުގެ 8އިން 13އަށް ސޯޝަލްސެންޓަރުގަ އެވެ.