ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ އޭޝިއަން ނިއުސް އިންޓަނޭޝަނަލް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމިން އަޅާފައި ހުރި 33 ކެޕްސޫލާއެކު، އެ އެއާޕޯޓުން މާލެ އަށް ފުރަން އުޅުނު ދިވެއްސެއް ކަމަށްވާ ޔޫސުފް ފުއާދު އަތުލައިގެންފައިވާ ކަމަށެވެ.

އެމްފެޓަމިނަކީ މަސްތުވުމަށް ބޭނުންކުރާ ބޭސް ގުޅައެކެވެ. ގއ. ވިލިނގިލީ ނޫރުމަންޒިލް ޔޫސުފް ފުއާދަކީ އުމުރުން 35 އަހަރުގެ މީހެކެވެ.

އެ ނޫހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ސެންޓްރަލް އިންޑަސްޓްރީ ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) އިންނެވެ.

އެ މަސްތުވާތަކެތީގެ ބަރުދަނުގައި 325.5 ގްރާމް ހުރިއިރު، އޭގެ އަގު 40 ލައްކަ ރުޕީސްއަށް އަރާނެ ކަމަށްވެސް އެ ނޫހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ބަހެއް ނުލިބެ އެވެ.