މަތީ ތައުލީމާއި ތަމްރީނު ހޯދައިދިނުމަށް ސަރުކާރުން ކުރާ ހަރަދަކީ ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ގާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމެންޓެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް ހަވާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދޭ ފުރުސަތުތަކުގެ ހެޔޮ ނަތީޖާ އެތައް އަހަރަކަށް ލިބޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބުމަކީ އެ ދަރިވަރަކަށް ލިބޭ ވަރަށް މަތިވެރި ފަޚުރެއް ކަމަށާއި ސްކޮލާޝިޕްގެ ދަށުން، ދުނިޔޭގެ ކޮންމެ ގައުމެއްގައި އެ ކުއްޖަކު ބޭނުން ދާއިރާއަކުން ކިޔެވުމުގެ މަގު ފަހިވުމަކީ، އެ ދަރިވަރަކަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

"މި ރަސްމިއްޔާތުގައި ސްކޮލަޝިޕް ލިބުނު 155 ދަރިވަރުންނަށް ވެސް އަޅުގަނޑު ދަންނަވަން އޮތީ، ގައުމުގެ އިންސާނީ ވަސީލަތް މުއްސަނދިކުރަން އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ތިޔަ ދަރިވަރުންނަކީ ވަރަށް އުންމީދީ ކުދިންކޮޅެކޭ. ތިޔަ ދަރިވަރުންނާ މެދު މި ގައުމު ކުރާ ވަރަށް ގިނަ އުއްމީދުތަކެއް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ އުއްމީދަކީ ރައީސުލްޖުމްހޫރިއްޔާގެ ސްކޯލާޝިޕް ދޭ ކުދިންނަކީ ގައުމު ދެކެ ލޯބިވާ، ގައުމީ ތަރައްގީގެ ޒިންމާތައް އުފުލުމަށް ތައްޔާރަށް ތިބި ޒުވާނުންތަކަކަށް ވުން ކަމަށެވެ.

ރާއްޖޭގެ ރަސްމީ ތަޢުލީމުގެ މުޅި ތާރީހަށް ބަލާއިރުވެސް، މަތީ ތައުލީމު ހާސިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނުވާ މިންވަރަށް މިހާރު ގިނަ ފުރުސަތުތައް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެކުރިން ބޭރު ގައުމުތަކުން ސްކޮލާޝިޕްތައް ނުލިބޭހާ ގިނައިން މިހާރު ދިވެހި ކުދިންނަށް ސްކޯލާޝިޕްގެ ފުރުސަތު ލިބޭކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ފުދުންތެރިކަން ނެތް އާއިލާތަކުގެ ދަރިވަރުން، މަތީ ސާނަވީގައި ރަނގަޅު ނަތީޖާ ހޯދިޔަސް، އިތުރަށް ކިޔެވުމުގެ ފުރުސަތު، މީގެ ކުރިން އޮތީ އެހާ ތަނަވަސް ގޮތަކަށް ނޫން ކަމަށެވެ. އަދި މި ސަރުކާރުން އެ ތަފާތުކުރުން ނައްތާލާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުން ތައާރަފު ކުރި ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ދަރިންނަށް މަތީ ތައުލީމު ދިނުމަށް ރާއްޖޭގައި މިހާތަނަށް ފެށި އެންމެ ބޭނުންތެރި ޕްރޮގްރާމް ކަމަށާއި އެއީ ދަރިންނަށް ކިޔަވައިދީގެން އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ގޮތުން ވެސް ރާއްޖޭގައި މިހާތަނަށް ހިންގަމުން އަންނަ، ނަތީޖާ އެންމެ ރަނގަޅު ޕްރޮގްރާމް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހިލޭ ޑިގްރީ ޕްރޮގްރާމް ފެށީ 2019 ވަނަ އަހަރު. އޭގެ ފަހުން މިހާތަނަށް، އެ ޕްރޮގްރާމަށް 567 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދައުލަތުގެ ބަޖެޓުން ހޭދަކޮށްފި. އަދި މިހާތަނަށް 17 ހާހަށް ވުރެ ގިނަ ދަރިވަރުންނަށް، ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

ހިލޭ ޑިގްރީ އާއި ސްޓޫޑެންޓް ލޯން ސްކީމް ނުހިމަނައި، ދައުލަތުގެ ޚަރަދުގެ އިތުރުން ރަހުމަތްތެރި ގައުމުތަކުގެ އެހީގެ ދަށުން، ތަފާތު 25 ގައުމެއްގައި، އެކި ސްކޮލަޝިޕްތަކުގައި 418 ދަރިވަރުން މިހާރުވެސް މަތީ ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތައް ފުރިހަމަކުރަމުން ދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިފަދަ ސްކޮލާޝިޕްތަކަށް މިހާތަނަށް މި ސަރުކާރުން 528 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކޮށްފައިވާ ކަން އެމަނިކުފާނު ވިދާޅުވި އެވެ.