ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާ ސިޔާސީ ޕާޓީއެއް އުފައްދަވައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

ނަޝީދުގެ ފަރާތްޕުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ އެކަން އިއުލާން ކުރައްވާފަ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ނަޝީދު އުފައްދަވާ ސިޔާސީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.

ނަޝީދަށް ތާއީދު ކުރައްވާ 12 މަޖިލިސް މެމްބަރަކު ވަނީ މިއަދު އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.

އެ މެމްބަރުންނަކީ:

  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
  • މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  • ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް
  • މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
  • ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
  • މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  • ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް
  • ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު
  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު
  • އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު

ފިކުރެއްގެ ދިރުމަށް ތާއީދު ހޯދުމުގެ ގޮތުން ނަޝީދު މީގެކުރިން ވަނީ ހަރަކާތެއް ހިންގާފަ އެވެ. އެގޮތުން އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ލައްވައި ވަނީ އެ ގޮތްޕަށް ސޮއިކުރުވާފަ އެވެ.

ނަޝީދުގެ އަރިސް ބޭފުޅުން ވިދާޅުވިގޮތުގައި 50،000 އަށް ވުރެން ގިނަ މެމްބަރުން އެ ގޮތްޕަށް ފޯމު ފުރި އެވެ.

އެބޭފުޅުން ވިދާޅުވީ އަމާޒަކީ 95،000 މެމްބަރުން ހަމަކުރުން ކަމަށެވެ.