ތައުލީމީ ރޮނގުން ކުރިއަށް ދިއުމަށް ފަހިވެފައިވާ ފުރުސަތުތަކުގެ ބޭނުން ވީ އެންމެ ފުރިހަމައަށް ހިފުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

މަތީ އަރުތަވެރިންނަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ ރޮނގުން ދަރިވަރުން ހޯދާ ނަތީޖާއިން ސަރުކާރުން ކުރާ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ދަރިއަކަށް، ރަނގަޅު ތައުލީމު ދީ ރިވެތި އަޚްލާގުގެ މަތީގައި ތަރުބިއްޔަތުކުރަން، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ތަޢުލީމު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ މަންޒިލަށް ގައުމު ގެންގޮސްދޭނެ ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރެވޭނީ، ޒަމާނީ ތަޢުލީމާއި ތަރުބަވީ އަޚްލާގުގެ މާހައުލަކަށް ސްކޫލްތައް ހަދައިގެން ކަމަށެވެ. އަދި އެފަދަ މާހައުލެއް ގާއިމުވާނީ އެ ތަނެއް ހިންގަން ތިބޭ ވެރިންނާއި ދަރިވަރުންނަށް ކިޔަވައިދީ ތަރުބިއްޔަތުކުރަން ތިބޭ ޓީޗަރުންގެ ކިބައިގައި ގާބިލުކަން ހުރެގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަދި، ހިންގުމުގެ ދާއިރާއިންނާއި، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް، އިތުރު އެހީތެރިކަން ބޭނުންވާ ސްކޫލުތަކުގެ މުވައްޒަފުންނަށް، ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި މަޢުލޫމާތު ފޯރުކޮށްދީ ތާޒާ ކުރުމުގެ މަސައްކަތްތަކެއް މިހާރު ވެސް ކުރިއަށްދާކަމަށެވެ.