ޓްވިޓާ އިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަސްމީ ޓްވިޓާ އެކައުންޑް 12 ގަޑިއިރަށް ލޮކް ކޮށްފި އެވެ.
ޓްވިޓާ އިން ބުނީ ޓްރަމްޕްގެ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ތިން ޓްވީޓެއް ޓްވިޓާގެ އަސާސްތަކާއި ތަކުރާރުކޮށް ހިލާފު ވެފައިވާތީ ޑިލީޓްކުރުމަށް އަންގާފައިވާ ކަމަށާއި އެހެންކަމުން ޓްރަމްޕްގެ ޓްވިޓާ އެކައުންޓް 12 ގަޑިއިރަށް ލޮކް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މީގެ ފަހުން ވެސް މި ޓްވީޓްތައް ޑިލީޓްނުކުރާ ނަމަ އެކައުންޓް ލޮކްކޮށްފައި ބަހައްޓާނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ޓްވިޓާ އިން ވަނީ ޓްރަމްޕް ކުރެއްވި އިތުރު އެހެން ޓްވީޓްތަކެއް ވެސް ރިމޫވް ކޮށްފަ އެވެ. މީގެ ތެރޭގައި އޭނާގެ ސަޕޯޓަރުންނާއި މުހާތަބްކޮށް ޕޯސްޓްކުރި ވީޑިއޯއަކާއި ނައިބު ރައީސް މައިކް ޕެންސް އަށް ފާޑުވިދާޅުވެ، ކުރައްވާފައިވާ ޓްވީޓެއް ވެސް ވަނީ ރިމޫވް ކޮށްފަ އެވެ.
ޓްވިޓާއިން އިތުރަށް ބުނީ މިފަދަ އަމަލުތައް ތަކުރާރުވާނަމަ ދާއިމަށް ޓްރަމްޕްގެ އެކައުންޑް ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށެވެ.
ޓްވިޓާ އިން މިގޮތަށް އިއުލާން ކޮށްފައިވަނީ ފޭސްބުކް އަދި ޔޫޓިއުބް އިން ވެސް މުޒާހަރާގެ ބައިވެރިންނަށް ހިއްވަރު ލިބޭ ގޮތަށް ޓްރަމްޕް ކޮށްފައިވާ ވީޑިއޯ ޑީލީކޮށްފައި ވަނިކޮށެވެ.
ޖޯ ބައިޑެންގެ އިންތިހާބު ކާމިޔާބުކުރެއްވުން ރަސްމީކޮށް ބަލައިގަތުމުގެ ޖަލްސާ ކުރިއަށް ދަނިކޮށް އެކަމާ ދެކޮޅަށް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ކޮންގްރެސް އިމާރާތުގެ ތެރެއަށް ވަދެގެންފަ އެވެ.
މުޒާހަރާތަކާއި ގުޅިގެން ދުނިޔޭގެ ލީޑަރުންނާއި އެމެރިކާގެ ކުރީގެ ރައީސުން އަދި އެހެނިހެން ފަރާތްތަކުން ދަނީ މިކަން ކުށްވެރިކޮށް މިއީ އެމެރިކާ ފަދަ ގައުމަކުން ފެނިގެން ނުވާނެ ފަދަ އަމަލެއް ކަމަށް ބުނަމުންނެވެ. އަދި މިކަމަކީ ޓްރަމްޕް ޒިންމާ ނަންގަވަން ޖެހޭނެ ކަމެއްކަމަށް ހުރިހާ ފަރާތްތަކުން ވެސް ދަނީ ބުނަމުންނެވެ.
ކޮންގްރެސް ގައި ކުރިއަށްދިޔަ ޖަލްސާ މުޒާހަރާތަކާއި ގުޅިގެން މެދުކަނޑާލުމަށް ފަހު މިހާރު އަލުން އެތަން ސާފްކޮށް ޖަލްސާ ފެށުމަށް ތައްޔަރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.