މިސްރުން ފުރައިގެން ރާއްޖެއަށް ދަތުރު ކުރަމުން ދަނިކޮށް އެރިޓްރިއާގައި ހިފެހެއްޓި ފިއުލް ސަޕްލައި މޯލްޑިވެސް (އެފްއެސްއެމް) ގެ ދެ، ތެޔޮ ބޯޓު ރާއްޖެ ގެނައުމަށް އެފްއެސްއެމްގެ ދެ އޮފިޝަލުން އެޓްރިއާއަށް ފޮނުވަން ނިންމައިފި އެވެ.

މިސުރުގައި ބަނދެގެން، ރާއްޖެ ގެންނަން މަސައްކަތް ކުރި އެ ދެ ބޯޓު އެރިތުރިއާގައި ތާށިވީ، މޫސުން ގޯސްވެ ދަތުރު ނުކުރެވިގެން އެ ގަައުމަށް ބަނދަރު ކުރުމުން، ހުއްދަ ނުހޯދައި ބަނދަރު ކުރި ކަމަށް ބުނެ މިދިޔަ މަހު 26 ގަ އެވެ. އޭރު އެ ދެ ބޯޓުގައި ހަތަރު ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިއަކު ތިއްބެވެ.

އެފްއެސްއެމް އިން ބުނީ އެ ދެ ބޯޓު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން އެފްއެސްއެމްގެ އޮފިޝަލަކާ ފޮރިން މިނިސްޓްރީގެ އޮފިޝަލެއް އެޓްރިއާއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ އެ ދެ ބޯޓު ރާއްޖެ ގެނައުމަށް އެޓްރިއާގެ ސަރުކާރާ މަޝްވަރާ ކުރުމަށް ރާއްޖެއިން ދެ އޮފިޝަލުން ފޮނުވަން ނިންމާފައިވާ ކަމަށެވެ.

ގަސަމް ވިދާޅުވީ އެ ދެ ބޯޓު ރައްޖެ ގެނެވޭނެ ތާރީހެއް އަދި ނޭނގޭ ކަމަށާއި އެކަން އެނގޭނީ އެގައުމުގެ ސަރުކާރާ މަޝްވަރާ ކުރެވުމުން ކަމަށެވެ.

ގަސަމް ވިދާޅުވީ އެމީހުންގެ ހާލު ގާތުން ބަލަމުންގެންދާ ކަމަށެވެ. އަދި ފަޅުވެރިން ތިބީ ސަލާމަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަސަމް މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ދެ ބޯޓް އޭޕްރީލް 26 ގައި އެރިޓްރިއާގައި ބަނދަރު ކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި ބަނދަރު ކުރުމުގެ ކުރިން ހުއްދަ ހޯދަން މަސައްކަތް ކުރި ކަމަށް ގަސަމް ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އާ ގުޅުން ހުރި ގައުމުތަކުގެ އެމްބަސީތައް މެދުވެރިކޮށް، އެރިތުރިއާގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ބޯޓުތައް ދޫކޮށްލާތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށް ގަސަމް ވިދާޅުވި އެވެ.