ފ. މަގޫދޫގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ އެއާޕޯޓު ވާނީ ސަރަހައްދީ އެހެން އެއާޕޯޓްތަކާ އަޅާބަލާއިރު މާބޮޑަށްވެސް ކުރިއަރާފައިވާ އެއާޕޯޓަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަގޫދޫ ފެނަކަ ކޯޕަރޭޝަން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފ. އަތޮޅުގެ ތަރައްގީއަށް އެއާޕޯޓް މަޝްރޫއަކީ މުހިންމު މަޝްރޫއެއްކަމަށެވެ. އަދި އެ މަޝްރޫއަކީ އެ އަތޮޅުގައި ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން 230 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓުގައި ކުރިން ނިންމާފައި ވަނީ 1200 މީޓަރުގެ ރަންވޭއެއް އަޅަން ކަމަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް މިހާރު ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަގޫދޫ އެއާޕޯޓްގައި މަތިންދާ ބޯޓްތަކަށް ތެޔޮ އެޅޭނެގޮތަށް ފިއުލް ފާމެއްވެސް ހުންނާނެކަމަށް ރައީސް ވިދާޅުވި އެވެ.
"އެ އަންނަ ޖެޓްތައް ޕާކްކުރެވޭނެ ޕާކިން ސަރަހައްދަކާ، ވީއައޕީ ޓަރމިނަލެއް މި އެއާޕޯޓްގައި ގާއިމްކުރާނަން. އަދި ދެވަނަ ތަނަކަށް ނުގޮސް ތެޔޮ އެޅޭނެ ފިއުލް ފާމެއްވެސް މި އެއާޕޯޓްގައި ތަރައްޤީކުރާނަން. މި އެއާޕޯޓް ނިމިގެން ދާއިރު ރާއްޖޭގައި އޮތް އެންމެ ފުރިހަމަ އެއާޕޯޓަށް ވެގެންދާނެ. އޭގެ އިތުރުން ޖެޓްތަކުގައި އަންނަ ކުރޫން މަޑުކުރެވޭނެ ކުޑަ ހޮޓަލެއް އެއާޕޯޓާއެކު ގާއިމްކުރުމަށް އަޅުގަނޑުމެން ވަނީ ނިންމާފައި. މިކަންތައްތައް ވެ ނިމޭއިރު މިރަށާ މި އަތޮޅަށް ބޮޑު ބަދަލެއް އިރާދަކުރެއްވިޔާ އަންނާނެ." ރައީސް ވިދާޅުވި އެވެ.
މަގޫދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާ އެވެ. މީގެއިތުރުން ވެސް ސަރަހައްދީ އިތުރު އެއާޕޯޓްތަކެއް އެޅުމަށް ނިންމައި އެ މަސައްކަތް ވަނީ ކޮންޓްރެކްޓަރާ ހަވާލުކުރެވިފަ އެވެ.