ސަރުކާރުން މިހާރު ބިލެތްދޫގައި ހިންގާ މަޝްރޫއުތައް ނިމިގެންދާއިރު ބިލެތްދޫގައި ރައްޔިތުންނަށް އިތުރު އިންވެސްޓްތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފ. ބިލެތްދޫ ފެނަކަ އާ އިންޖީނުގެއާ އޮފީސް އިމާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ފ. ބިލެތްދޫ ބަނދަރު ސަރަޙައްދުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒުނާ އަހުމަދާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބިލެތްދޫގެ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވި އެވެ.

ރައީސް ވިދާޅުވީ، ބިލެތްދޫގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިމި ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ ހިދުމަތްތަކެއް ފުރިހަމަވެގެންދާއިރު، ރަށުގައި ތިބެ މަސައްކަތްކޮށް އިތުރު އިންވެސްޓްތައް ކުރުމަށް އުންމީދުކުރާ ފަރާތްތަކަށް، އެކަންކަމުގެ ސަބަބުން އެކި ފުރުސަތުތަކަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ބިލެތްދޫ އާއި ދާދިގާތުގައި މަގޫދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އެއާޕޯޓުގެ ފައިދާ މުޅި އަތޮޅަށް ލިބިގެންދާނެ ކަމަށެވެ. އަދި ފ. އަތޮޅުގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެގެންދާނެކަން ފާހަގަކުރައްވައި، އެކަމާ ދޭތެރޭގައި ރައްޔިތުން ވިސްނާ އެކަމަށް އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ސަރުކާރުން އެފަދަ މަޝްރޫއުތަކަށް އަމާޒުކޮށްގެން ލުއިލޯނުތަކެއް ދެއްވަމުންދާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، އެއާޕޯޓެއް އެއާޕޯޓެއްގެ ގޮތުގައި ހިންގޭނީ އެއާ ގުޅިފައި ހުރި އެހެން ކަންތައްތައް ވެސް ކުރެވިގެން ކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ބިލެތްދޫ ކަރަންޓްގެ ހާލަތުގެ ތާރީޙަށާއި، ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ހިންގެމުންދާ މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. މިގޮތުން، މުޅި ރާއްޖޭގައި ފެނަކައިން މިހާތަނަށް، 61 އޮފީސް ޢިމާރާތާއި 48 އިންޖީނުގެ ޢިމާރާތްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ، ސަރުކާރުން ބިލެތްދޫގައި ހިންގަމުންދާ މަޝްރޫއުތަކާއި ކުރިޔަށް ރޭވިފައި ހުރި މަޝްރޫޢުތައް ވެސް ހާމަކުރައްވާފަ އެވެ. އެގޮތުން ބިލެތްދޫގެ ބަނދަރުހެދުމުގެ މަޝްރޫޢާއެކު ބިންހިއްކުމުގެ މަސައްކަތްވެސް ކުރިޔަށް ދާނެކަމަށާއި، ސެލްފް ސަރވިސް އޭޓީއެމް ބަހައްޓާ 10 ރަށުގެ ތެރޭގައި ބިލެތްދޫ ހިމެނިފައިވާކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ކޯވިޑް-19 އާއި ގުޅިގެން ބިލެތްދޫގެ ރައްޔިތުން ތަޙައްމަލު ކުރަންޖެހުނު ކަންކަމާއި ކޯވިޑްގެ ދަތި ޙާލަތުން އަރައިގަތުމަށް ސަރުކާރުން ކުރެއްވި މަސައްކަތާއި އަވަށްޓެރި ގައުމުތަކުގެ ތަޖުރިބާތަކުގެ މައްޗަށް ވެސް ރައީސް އަލިއަޅުއްވައިލެއްވި އެވެ.

ފ. ބިލެތްދޫ ފެނަކަ އާ އިންޖީނުގެއާ އޮފީސް އިމާރާތް ހުޅުއްވައި ދެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން ވަނީ އެ އޮފީސް އިމާރާތް ބައްލަވާލައްވާފަ އެވެ. ބިލެތްދޫގައި ކުރިން ހުރި 24 އަހަރުވީ އިންޖީނުގެ ހުރީ ރަށުގެ ސްކޫލު ކައިރީގައި ނަމަވެސް އާ އިންޖީނުގެއާ އޮފީސް އިމާރާތް ބިނާކޮށްފައިވަނީ ރަށުގެ ބަނދަރު ސަރަޙައްދުގަ އެވެ. އަލަށް އިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް ޢިމާރާތަކީ އެންމެ މިޒަމާނުގެ ފެންވަރަށް ބިނާކޮށްފައިވާ ތަނެކެވެ.

އިންޖީނުގޭގެ އޮފީސް އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ މިހާރު ވަނީ ތަނަވަސް ކުރެވިފަ އެވެ.

ފެނަކަގެ އާ އިންޖީނުގެއާ އޮފީސް އިމާރާތް ހުޅުއްވައި ދެއްވުމަށްފަހުގައި ރައީސްގެ ދެކަނބަލުން ވަނީ، ބިލެތްދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލު ހުޅުއްވައި ދެއްވައި އިއްޒަތްތެރިން ސޮއެކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.

ފ. ބިލެތްދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލަކީ، މި ދައުރުގައި އިމާރަތްކޮށް ނިމުނު 15 ވަނަ މަލްޓިޕާޕަސް ހޯލެވެ. މި ދައުރުގަ މިހާތަނަށް އައިއިރު ތައުލީމީ ދާއިރާގައި މަދަރުސާތަކަށް އުމްރާނީ ތަރައްގީ ގެނައުމަށް މުޅިއެކު 247 މަޝްރޫޢު ދަނީ ހިންގެމުންނެވެ. އޭގެ ތެރޭގައި ޖުމްލަ 1716 ކްލާސްރޫމާއި، 92 މަލްޓިޕާޕަސް ހޯލާއި 563 އެހެނިހެން އިމާރާތްތަކުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.