ރަސްމާލެ މަޝްރޫއުގެ ތެރެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމެއް) ނެގުމަށް ގޮވާލައި، އިދިކޮޅު އެމްޑީޕީން މި މަހުގެ 26 ވާ ބުރާސްފަތި ދުވަހު މުޒާހަރާކުރަން ނިންމައިފި އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެފަދަ ބޮޑު މަޝްރޫއެއް ކުރިއަށްގެންދަންވާނީ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އަގުލަބިއްޔަތު ހޯދައިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ވެރިންނަށް ކަންކަމަކީ ރަނގަޅު ކަންކަން ގޮތުގައި ފެނިދާނެ. ތަސައްވަރު ކުރެވިދާނެ. ގަބޫލުކުރެވިދާނެ. އެހެންނަމަވެސް އެ ތަސައްވަރުތައް، އެ މަންޒަރުތައް ރައްޔިތުންނަށް ސާފުނުވަނީނަމަ ކަންކަން ދާނީ ކާމިޔާބުނުވެ، ކަމެއް ކާމިޔާބުކުރުމަށް އެ ކަމެއްގެ ފަހަތުގައި ރައްޔިތުންގެ އަގުލަބިއްޔަތުގެ ތާއީދު ރުހުން އޮންނާންޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނޮވެމްބަރު 26 ގައި ބާއްވާ އިހުތިޖާޖަކީ އެމްޑީޕީން އިސްނަގައިގެން ބާއްވާ ހަރަކާތެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ރަސްމާލެ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލައި ސިލްސިލާ ގޮތެއްގައި އެކި ހަރަކާތްތައް އެ ޕާޓީން ހިންގަމުން ގެންދާނެ ކަމަށެވެ.
ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނުނަގައިފިނަމަ ސީދާ ހަރަކާތަށް ނުކުމެ މުޒާހަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މި މަހުގެ އެއް ވަނަ ދުވަހު ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރުގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ރަސްމާލޭ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށެވެ. އަދި ސަރުކާރުން އެ ޑިމާންޑްތަކަށް އިޖާބަ ނުދީފިނަމަ، އެހެން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ ގުޅިގެން މަގުމައްޗަށް ނުކުތުމަށް ވެސް އެ ގަރާރުގައި ހިމަނާފައިވެ އެވެ.
ޖުމްލަ 1,153 ހެކްޓަރުގެ ބިން ހިއްކައިގެން ހިންގާ ރަސްމާލެ މަޝްރޫއުގެ ތެރެއިން 500 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކުރަން ނިންމާފައިވަނީ 99 އަހަރުގެ މުއްދަތަކަށެވެ. މީގެއިތުރުން، އެ ބިމުގައި އެ ކުންފުނިން ތަރައްގީކުރާ އިމާރާތްތަކާއި ތަންތަން ގަންނަ ފަރާތްތަކަށް އެ ތަންތަން މިލްކުވަނީ މުޅި އުމުރަށް ކަމަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ރައީސް މުއިއްޒު އަންނަ މަހު ބަންގަދޭޝަށް ވަޑައިގަންނަވަނީ
"މާތުރަބޫމީ"އަށް ސަލްމާން ދުވާލަކު 5 ގަޑިއިރު ތަމްރީނު ކުރި!
ހަނގުރާމަ ހުއްޓާލަން އީރާނުން ހުށަހެޅި ނަމަވެސް ޓްރަމްޕް ދެކޮޅު
