ނ. މަނަދޫ، ނައީމާ މޫސާ މަރާލި މައްސަލައިގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ނައިމާގެ މަރުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މާލެއިން 21 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ މަނަދުއަށް ނިސްބަތްވާ ޒުވާން ފިރިހެނެކެވެ.
އެ މައްސަލައާ ގުޅިގެން އެރަށުން ވަނީ މީގެކުރިން ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންގެ ތެރެއިން އެކަކު ވަނީ ކުށަށް އިއުތިރާފުވެ ނައީމާ މަރައިލަން ބޭނުންކުރި ހަތިޔާރުހުރިތަން ފުލުހުންނަށް ކިޔައިދީފަ އެވެ. ނައީމާ މަރައިލިރޭ އެ މީހުން ދުއްވި ކާރު ވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ނައީމާ މަރައިލަން ބޭނުންކުރި ވަޅި އާއި އަންނައުނު ފުލުހުން ހޯދީ ވަޅުލާފައި ހުއްޓަ އެވެ. އެވަޅަށް އެތަކެތި އަޅައި ވަނީ ރޯކޮށްލައިފަ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރުގެ މައްސަލަ ތަހުގީގުކުރުމުގެ ތަޖުރިބާކާރު އިންޕެކްޓަރު މުހައްމަދު ސާމިހު އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން މި މަރުގެ ހަގީގަތް ހޯދައި އިންސާފު ގާއިމްކުރަން ކުރަމުންދާ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރާ ކަމަށެވެ.