އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެ ހުސްކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

އެފަދަ އަމުރަކަށް އެދުނީ އެމްޑީޕީންނެވެ. އެ ޕާޓީން އެފަދަ އަމުރަކަށް އެދުނީ އެ ހަރުގެ ހަވާލުކުރަން ގޭގެ ވެރިފަރާތްކަމަށްވާ ޝަފީއާ ޒުބައިރު އަންގާފައިވާތީ އެ އެންގުން ބާތިލްކޮށްދިނުމަށް އެ ޕާޓީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިންނެވެ.

އެމްޑީޕީން ކުރި ދައުވާގައި ވަނީ އަންނަ ރިޔާސީ އިންތިހާބުގެ ނިޔަލަށް އެ ޕާޓީން އެ ހަރުގެ ބޭނުންކުރަން ބިމުގެ ވެރިފަރާތް ކަމުގައިވާ ޝަފިއްޔާ ޒުބައިރުއާ އަނގަ ބަހުން އެއްބަސްވެވިފައިވާ ކަމަށެވެ.

އެމްޑީޕީން ކޯޓުގައި އެދުނީ އެއްބަސްވުމާ ހިލާފަށް ތަނުގެ ވެރިފަރާތުން އެތަން އަތުލައި، އެމްޑީީޕީގެ މުދަލަށް ގެއްލުން ދޭނެ ކަމަށް ބުނެފައިވާތީ އޭނާގެ ޣައިރު ހާޒިރުގައި އަމުރެއް ނެރެދިނުމަށެވެ. އަދި މި އަމުރު ނެރެނުދީފިނަމަ އެ ޕާޓީއަށް ލިބިފައިވާ ގާނޫނީ ރައްކާތެރިކަން ގެއްލި، އެއީ އެ ޕާޓީގެ ހައްގުތަކަށް އަރައިގަންނަން ލިބޭ ހުއްޖަތެއް ކަމަށް ގޭގެ ވެރިފަރާތަށް ވިސްނުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ސިވިލް ކޯޓުން ނިންމި ނިންމުމުގައި ވަނީ އަނގަ ބަހުން ވެވުނު ކަމަށް ބުނާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް އަމުރެއް ނެރެދިނުމަކީ، އަސްލު ދައުވާއާ މެދު ގޮތެއް ނިންމުމަށް އޮތް ހުރަހަކަށް ވާނެ ކަމަށެވެ. އެހެންވެ އެފަދަ އަމުރެއް ނެރެނުދޭން ނިންމި އެވެ.

އިއްޔެ ހަވީރު ދަ ޑިމޮކްރެޓްސް އިން ވަނީ އެ ހަރުގެ އަތުލައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް އެތަނުގައި ފަށައިފަ އެވެ.

އިއްޔެ ހަވީރު އެ ޕާޓީގެ އިސް ބޭފުޅުންތަކެއް އެ ހަރުގެއަށް ދިޔައީ އެތަނުގެ ވެރިފަރާތް ކަމަށްވާ ޝަފީއާ ޒުބައިރުއާ އެކު އެވެ. އެ ހަރުގެ ހުޅުވައިދެއްވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދެވެ. އެއަށްފަހު އަމްރު އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވަނީ ހަރުގޭގެ ފާރުގެ ކުލަ ބަދަލުކުރުމުގެ މަސައްކަތް އަމަލީގޮތުން ކުރިއަށްގެންގޮސްފަ އެވެ.

އެ ހަރުގޭގެ ބޭރު ފާރުގައި ހަރުކޮށްފައި ހުރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފޮޓޯޖެހި ޕޯސްޓަރު ވެސް ވަނީ ވަޅިއަކުން ކަފާލައި ނައްޓާލައިފަ އެވެ. އެ ފޯސްޓަރު ނައްޓައިލީ ބޯދިގެވެ.

އެ ހަރުގެ ސަރަހައްދުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވީ ދަ ޑިމޮކްރެޓްސްއަށް ވަނުމުގެ ފޯމު ފުރުމުގެ ކަންތައް ހަރުގޭގައި ކުރިއަށްދާނެ ކަމަށެވެ.