ލިލީ އެންޓްފްރައިސަސް އިން އަމިއްލަ ފަރާތަކާ އެކު ކުރި ފައިސާގެ މުއާމަލާތެއްގައި އޭނާ އަށް ދީފައި ހުރި ޗެކްތަކަށް ލިބެން ޖެހޭ 9.3 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އާސިމް އަބްދުއްރަހީމު ނަމަކަށް ކިޔާ މީހަކު ލިލީ އެންޓަޕްރައިސަސް އާ އެކު އެއްބަސްވުމެއް ހަދައި، 600,000 ޑޮލަރު އެ ކުންފުންޏަށް ދީފައިވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމްގައިވެ އެވެ. އާސިމް ބުނަނީ އެއީ ލިލީގެ ވިޔަފާރި އަށް އިންވެސްޓް ކުރުމަށް އޭނާ ދީފައިވާ ފައިސާ ކަމަށެވެ. ނަމަވެސް ލިލީން ބުނަނީ އެއީ ޑޮލަރުގެ މުއާމަލާތެއް ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައިވާގޮތުން ޑޮލަރެއް 15.52 ރުފިޔާގެ މަގުން ހަ ލައްކަ ޑޮލަރު ދިނުމުން ލިލީން ވަނީ އޭގެ ބަދަލުގައި 9.3 މިލިއަން ރުފިޔާ ލިބޭ ގޮތަށް އާސިމް އަށް މީގެ ތިން އަހަރު ކުރިން ފަސް ޗެކް ދީފަ އެވެ. އެ މުއާމަލާތުން ފައިދާގެ ގޮތުގައި ކޮންމެ މަހަކު ހަ ލައްކަ ރުފިޔާ އާސިމްއަށް ލިބޭނެ ކަމަށް އެކަމާ ގުޅޭ އެއްބަސްވުމުގައިވެ އެވެ.

އެ އެއްބަސްވުމުގެ ދަށުން 2020 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ލިލީން ވަނީ އާސިމަށް ހަ ލައްކަ ރުފިޔާ ދީފަ އެވެ. އަދި ޖެހިގެން އައި މަހުން ފެށިގެން ލިލީން ވަނީ އެ ފައިސާ ދިނުން ހުއްޓާލައި ފައިދާ ކުޑަކޮށް، މުޅި މުއާމަލާތް ނިމުމަކަށް ގެންނަން އެދިފަ އެވެ.

ލިލީ އަށް އާސިމް ނޮވެމްބަރު 2020، ގައި ހުށަހެޅި ޕްރޮޕޯސަލްގައިވާގޮތުން ވިޔަފާރީގެ ފައިދާއިން ބޮޑު އަދަދެއް ކެނޑުމަށް ފަހު 11.6 މިލިއަން ރުފިޔާ އެއްކޮށް ދިނުމުން އެ ދެ ފަރާތުގެ ދެމެދުގައި ހެދި އެއްބަސްވުން ނިމުނީ ކަމަށް އާސިމް ވަނީ އެއްބަސްވެފަ އެވެ.

އޭގެފަހުން ލިލީން ދެ ފަހަރެއްގެ މަތިން 300،000 ރުފިޔާ އާސިމަށް ދިންނަމަވެސް ހުށަހެޅި ގޮތާ އެއްގޮތަށް ލިލީން ކަންތައް ނުކުރުމުން އާސިމް އަނެއްކާ ވެސް ވަނީ ފުރަތަމަ އެއްބަސްވި ގޮތަށް އޭނާއަށް ކޮންމެ މަހަކު ވިޔަފާރީގެ ފައިދާގެ ގޮތުގައި 600،000 ރުފިޔާ ހޯދަން އެދިފަ އެވެ.

އާސިމް ކޯޓަށް މައްސަލަ ހުށަހެޅީ ލިލީން އާސިމަށް ދިން ޗެކްތަކުގެ ތެރެއިން އެންމެ ޗެކެއް ފިޔަވައި އެހެން އެއްވެސް ޗެކަކުން ފައިސާ ނުނެގި ޗެކް ރިޓާން ވުމުންނެވެ.

އެ ފައިސާ އަކީ ލިލީގެ ވިޔަފާރި އަށް ކޮށްފައިވާ އިންވެސްޓްމަންޓެއް ކަމަށް އާސިމް ބުންޏަސް ލިލީން އެކަން ދޮގުކުރެ އެވެ. ލިލީން ބުނީ އެ ކުންފުނީގައި އިންވެސްޓްކުރުމުގެ އެއްވެސް ފުރުސަތެއް އޭނާއަށް ދީފައިނުވާ ކަމަށެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، ދެ ފަރާތުގެ ދެމެދުގައި ޗެކް ބަދަލު ކުރެވިފައި ވަނީ ވިޔަފާރީގެ ކޮން މުއާމަލާތެއްގައި ކަން ހިލާފު އުފެދިފައި ވިޔަސް އެ މުއާމަލާތް ހިނގައިފައިވާ ކަމާ މެދު އެއްވެސް ހިލާފު އުފެދިފައި ނުވާ ކަމަށެވެ. އަދި ލިލީގެ ޕޭމަންޓް ވައުޗާތަކަށް ބެލުމުން ޗެކްތަކަށް އާސިމް އަށް ފައިސާ ދިންކަން އެނގެން ނެތް ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ސިވިލް ކޯޓުން ހުކުމްކުރީ އެ ފައިސާ އަންނަ މަހުގެ 15ގެ ކުރިން އާސިމަށް ދިނުމަށެވެ.