ބާރަ ދާއިރާއަކުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއާ 2،500 މެމްބަރުން އަލަށް ގުޅިއްޖެ އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ފޯމުތަކާ ހަވާލުވެވަޑައިގެންފަ އެވެ.

އެ ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ އެ މެމްބަރުންނަކީ މިދިޔަ މަހު އެ ޕާޓީން މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ހަރަކާތުން ގުޅުނު މެމްބަރުންތަކެއް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ.

"ތިންހާސް ހަމަވެގެންނެއް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. ޖުމްލަ ގާތްގަނޑަކަށް އަޅުގަނޑުމެންނަށް މި ކޮށްލެވުނު ކުޑަ މަސައްކަތަކުން 2،500 ފޯމު ލިބިއްޖެ. އަޅުގަނޑުމެންގެ ޓާގެޓަކީ ކުރިން ގާނޫނާ އެއްގޮތް ނޫންގޮތަށް އޮތް އަދަދާ ހަމަޔަށް ގާނޫނީ ގޮތުން މެންބާޝިޕް ރެޖިސްޓްރީ ގެންދިއުން،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީއަށް މެމްބަރުން އިތުރު މިކުރަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ދަ ޑިމޮކްރެޓްސްއަށް އެމްޑީޕީގެ ބައެއް މެމްބަރުން ސޮއިކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ދަ ޑިމޮކްރެޓްސްއަށް 3،500 ވަރަކަށް މީހުން މިހާތަނަށް ވަނީ ސޮއިކޮށްފަ އެވެ.