ޖެނީވާ (9 ޖެނުއަރީ ) - މުއްސަނދި ގައުމުތަކުން ކޮވިޑް ވެކްސިން ގަތުމަށް ކިޔޫ ފަޅާލުމާއި، އެހެނިހެން ގޮތްގޮތުން ވެކްސިން ހޯދުމަށް ނުފޫޒުން ކަންކަން ކުރުން ހުއްޓާލުމަށް ޑަބްލިއުއެޗްއޯ އިން ގޮވާލައިފި އެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދްނޯމް ގެބްރިއޭސިސް ވިދާޅުވީ މުއްސަނދި ގައުމުތަކުން އެމީހުންގެ ނުފޫޒުންނާއި، ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައިގެން ވެކްސިން ސަޕްލައި އެއްކޮށްހެން ގަނެފައިވާ ކަމަށާއި، ކުދި އަދި މެދުފަންތީގެ ގައުމުތަކަށް މިކަމުގެ ސަބަބުން ވެކްސިން ހޯދުމަށް ދަތިވަމުންދާ ކަމަށެވެ.

ޗީފް ވިދާޅުވީ ގައުމުތަކަށް ބޭނުންވާ ވަރަށް ވުރެއް މާގިނައިން އަދި ބައެއް ގައުމުތުން ކުރިއަށް އޮތް ދުވަސް ތަކަށް ވެސް ވެކްސިން އޯޑަރު ދީފައިވާ ކަމަށެވެ. މިހެންވުމުގެ ސަބަބުން ވެކްސިންގެ އަގު ބޮޑުވެ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެޑްރޯސް ވިދާޅުވީ ބޭނުންވާ ވަރަށްވުރެ އިތުރަށް ދީފައިވާ ވެކްސިން އޯޑަރުތައް ކެންސަލްކޮށް، އެ ވެކްސިން ޑަބްލިއުއެޗްއޯއިން ކުދި އަދި މެދުފަންތީގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ކޯވެކްސް ޕްރޮގްރާމަށް ހަދިޔާ ކުރުމަށް ގޮވާލެއްވި އެވެ. އަދި އެއްވެސް ގައުމަކީ އެހެން ގައުމުތަކަށް ވުރެ މުހިންމު ބައެއް ނޫން ކަމަށާއި އެއް ބަޔަކު ވެކްސިން ނުލިބިގެން އާދޭސްކުރާއިރު އަނެއްބަޔަކު ބާރާއި ނުފޫޒުން ކިޔޫ ފަޅާލައި ބޭނުންވާ ވަރަށްވުރެ އިތުރަށް ވެކްސިން ހޯދުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިންސާނިއްޔަތުކަން އިސްކޮށް މި ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ހުރިހާ ގައުމުތަކަށް ވެސް ހަމަހަމަ ފުރުސަތު ލިބޭނެހެން މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވި އެވެ.

ޗީފް އިތުރަށް ވިދާޅުވި ގޮތުގައި 42 ގައުމަކުން ވެކްސިން ދޭން ފަށާފައިވާއިރު، މީގެ ތެރެއިން 36 ގައުމަކީ މުއްސަނދި ގައުމުތައް ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ކޯވެކްސް ޕްރޮގްރާމަކީ ދުނިޔޭގެ ފަގީރު ގައުމުތަކާއި އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ރައްޔަތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ސްކީމެކެވެ.

މިޕްރޮގްރާމްގެ މަގްސަދަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކު މީހުންގެ 20 ފަސެންޓް މީހުންނަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ދެ ބިލިއަން ޑޯޒް ފޯރުކޮށްދިނުމެވެ. އަދި އަގުހެޔޮކޮށް ގައުމުތަކަށް ވެކްސިން ދިނުމެވެ. - އަލްޖަޒީރާ