ތިމާވެށި ސާފުކޮށް ރައްކާތެރިކުރުމުގެ މަގްސަދުގައި އާބަންކޯއިން ލޯންޗުކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ކްލީން އަޕް ޗެލެންޖެއް ތައާރަފްކޮށްފި އެވެ. މި ޗެލެންޗު ތައާރަފްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އާބަންކޯއިން ހުޅުމާލޭގައި ބޭއްވި ސާފު ހުޅުމާލެ މެގާ ކްލީން އަޕް އިވެންޓުގަ އެވެ.
އާބަންކޯއިން ތައާރަފްކުރި މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސްދުވަސް ތެރޭގައި އެއް މެގަ ކްލީން އަޕް އިވެންޓު ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރާނީ އެވެ. އާބަންކޯއިން ހޮނިހިރު ދުވަހު ބޭއްވި އިވެންޓަށް ފަހު ޗެލެންޖުކޮށްފައިވާނީ ސްޓެލްކޯއަށެވެ.
މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަޝަންދަތި އަރުވަން ޖެހެއެވެ. އެގޮތުން މިއަދުގެ އިވެންޓު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި އާބަންކޯގެ ފަރާތުން ވާނީ ރަމްޒީ މަޝަންދަތީގެ ފިލާ ސްޓެލްކޯއަށް އަރުވާފަ އެވެ.
މި ޗެލެންޖުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ ސާފުކުރުމަށް އާބަންކޯއިން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖެ އަށް ފުޅާކޮށްގެން ކުރިއަށްގެންދެވޭ ބޮޑު ހަރަކާތަކަށް ހެދުމެވެ. އަދި ދުނިޔޭގެ ދިމާވެށި ރައްކާތެރިކޮށް ސާފުތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރު އެޅުމެވެ.