މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އޭނާގެ މިހާރުގެ ކޮންޓްރެކްޓް 2025 ވަނަ އަހަރުގެ ނިޔަލަށް ހަމަވުމަށް ފަހު ޓީމު ދޫކޮށްލުމަށް ނިންމައިފި އެވެ.
ސްޕޭނުގެ ގާޑިއޯލާ މީގެ ހަތް އަހަރު ކުރިން އިއްތިހާދު ސްޓޭޑިއަމަށް ބަދަލުވުމަށްފަހު މެންޗެސްޓާ ސިޓީ އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ރަސްކަން ކުރަމުންނެވެ. އެ ކާމިޔާބީތައް އިނގިރޭސި ވިލާތާ ހަމައަށް ހުއްޓިފައި އޮތް އޮތުން ނިންމައި މިދިޔަ ހޮނިހިރު ދުވަހު އިސްތަންބޫލުގައި އިންޓަމިލާން ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދުމާއެކު ބައިނަލްއަގުވާމީ ގޮތުން ވެސް ސިޓީ ވަނީ އެންމެ މޮޅު ކްލަބު ކަމަށް ވެފަ އެވެ.
މިހިނގާ ފުޓްބޯޅަ ސީޒަންގެ ކުރީކޮޅު ގާޑިއޯލާ ވަނީ ސިޓީއާއެކު އިތުރު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ސިޓީއަށް ގާޑިއޯލާގެ ފަރާތުން ލިބުނު ކާމިޔާބުތަކާއެކު އޭނާ ބޭނުން ނަމަ އެއަށް ވުރެ ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއް ދިނުމަށް ވެސް މެންޗެސްޓާ ސިޓީ އޮތީ ތައްޔާރަށެވެ. އެހެންނަމަވެސް އިނގިރޭސި ނޫހެއް ކަމުގައިވާ ގާޑިއަންގައި ވާގޮތުގައި 2025 ވަނަ އަހަރުގެ ކޮންޓްރެކްޓަށް ފަހު ގާޑިއޯލާ ސިޓީ ދޫކޮށްލާނެ އެވެ.
ސްޕޭނާއި ޖަރުމަނާއި އިނގިރޭސި ވިލާތުގައި ކޯޗްކޮށް ދިނުމަށް ފަހު ގާޑިއޯލާ ދެން ގުޅޭނީ އިޓަލީގެ ޓީމަކާ ކަމަށް އޮތީ ބެލެވިފަ އެވެ. އެހެން ނަމަވެސް 2026 ގައި ވޯލްޑް ކަޕްގައި ބައިނަލްއަގުވާމީ ކޯޗެއްގެ ހައިސިއްޔަތުން އޭނާ ފެނުމުގެ ފުރުސަތު އޮތް ކަމަށް މިހާރު ވަނީ އަޑުތައް އަރާފަ އެވެ.