މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ނިޒާމީ ސިފައެއްގައި އޮޅުވާލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ނެތް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް ބުނެފި އެވެ.

ޓްރާންސްޕޭރަންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު ސާރާ ނަސީމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ނުފޫޒު އޮތްކަމަށް ސިޔާސީ ޕާޓީތަކުން ބުނާ ކަމަށެވެ. ސަބަބަކީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮތުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި މެމްބަރުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ސާފުނުވާ ކަމަށެވެ.

އެ ޖަމިއްޔާއިން ކުރި ދިރާސާއަށް ސުވާލުކުރި 43 ޕަސެންޓް މީހުން ބުނެފައި ވަނީ އެ ކޮމިޝަނަށް އިތުބާރު އެބައޮތް ކަމަށެވެ. ނަމަވެސް 2013 ގައި ކުރި ދިރާސާއަށް ސުވާލުކުރި މީހުންގެ 74 ޕަސެންޓް މީހުން އެ ކޮމިޝަނަށް އިތުބާތު އޮތް ކަމަށް ބުނެފައިވެ އެވެ. ސާރާ ވިދާޅުވިގޮތުގައި މިފަހަރުގެ ޕަސެންޓޭޖް ދަށްވުމަކީ ކޮމިޝަނަށް އޮތް އިތުބާރު ކުޑަވެފައިވާ ކަމުގެ ހެއްކެކެވެ.

އޭނާ ވިދާޅުވީ އިންތިހާބު ގާތްވެފައިވަނިކޮށް ކޮމިޝަނުގެ މިނިވަންކަމާ މެދު ސުވާލު އުފެއްދުމަކީ އިންތިހާބުގެ ނަތީޖާގެ ސައްހަ ކަމާމެދު އާންމުންގެ ހިތްތަކުގައި ސުވާލު އުފެއްދުމުގެ ޖާގަ އޮންނާނެ ކަމެއް ކަމަށެވެ.

ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ޓްރާންސްޕޭރެންސީން އަންނަނީ މިފަދަ ދިރާސާތައް ހަދަމުންނެވެ.