ދާދިފަހުން ޕީޕީއެމް އިން ވަކިވި އެ ޕާޓީގެ ކެލާ ދާއިރާގެ ސެނެޓަރު އަހްމަދު ޣާލިބު ވެރިކަންކުރާ އެމްޑީޕީއާ ގުޅިއްޖެ އެވެ.

ޣާލިބު މިއަދު އެމްޑީޕީއަށް ސޮއިކުރީ އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާޒިރުގަ އެވެ. ސޮއިކުރެއްވުމަށްފަހު އޭނާ ވަނީ މެމްބާޝިޕް ފޯމް ރައީސް ސޯލިހާ ހަވާލުކުރައްވާފަ އެވެ.

ޣާލިބާއެކު އެ ދާއިރާގެ ޕީޕީއެމަށް ނިސްބަތްވާ ބައެއް މީހުން ވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފަ އެވެ. އޭނާ އަކީ ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާ އަލީ އާރިފާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިގްބާލް އާދަމްގެ އެއްބަނޑުއެއްބަފާ ކޮށްކޮއެވެ.

މީގެކުރިން އޭނާ ވަނީ ޖުމްހޫރީ ޕާޓީގައި ވެސް އުޅެފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމުން ޖުމްހޫރީ ޕާޓީއަށް އަލުން ސޮއިކޮށް ދުވަސްތަކަކަށްފަހު އަނެއްކާވެސް ޕީޕީއެމަށް ސޮއިކުރި އެވެ. ޕީޕީއެމަށް ސޮއިކުރުމަށްފަހު އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާތަކުގައި އޭނާ ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާފަ އެވެ.