ސްޓެލްކޯ އިން ފޯރުކޮށްދޭ ހިދުމަތްތައް ދޭނެ އިތުރު ކުންފުންޏެއް އަދި ވުޖޫދުގައި ނެތް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފު މިފަދައިން ވިދާޅުވީ ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުނެވެ.
ސްޓެލްކޯ ފޯރުކޮށްދޭ ހިދުމަތްތަކަކީ އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ހިދުމަތްތައްކަން ފާހަގަ ކުރައްވަމުން ޝަރީފު ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަކީ ހުނަރުވެރި ގާބިލު ބައެއް ކަމަށެވެ. ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތްތަކެއް ސްޓެލްކޯއަށް ފޯރުކޮށްދެވޭނީ އެމުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށަ ޝަރީފު ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންވާނެ އަޅުގަނޑުމެން ދޭ ހިދުމަތުގައި ދެވަނަ އެއް ނެތް. ސްޓެލްކޯއިން ދޭ ހިދުމަތާއި އެއްވަރު ކުރެވޭނެ ހިދުމަތެއް ދޭނެ ކުންފުންޏެއް އަދި ވުޖޫދަކަށް ނާދޭ،" ޝަރީފް ވިދާޅުވި އެވެ.
މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ މިހާރު ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްވެސް އެކުންފުނިން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ކަރަންޓު ބިލާ ގުޅިގެން ސްޓެލްކޯއަށް އަމާޒުކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ޝަރީފު ވިދާޅުވީ ރައްޔިތުން ބޭނުން ނުކުރައްވާ ކަރަންޓަކަށް ބިލެއް ނުކުރާނެކަމަށާއި އަދި މިހާތަނަށް ވެސް ކޮށްފައިއެއް ނެތްކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހިދުމަތް ހޯއްދަވާ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ޔަގީން ކުރައްވާ، ސްޓެލްކޯ އިން އަޅުގަނޑުމެން ތިބޭފުޅުން ބޭނުން ނުކުރައްވާ ކަރަންޓަކަށް ބިލެއް ނުކުރާނަން. އަދި މިހާތަނަށް ވެސް ކޮށްފައެއް ނެތް. ކުރިމަގުގައި ވެސް ނުކުރާނެ،" ޝަރީފް ވިދާޅުވި އެވެ.
އަދި އެކަމަށް ހައްލެއް ހޯދުމަށް މި އަހަރުތެރޭ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަހާއި ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމްވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.