ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އުމުރުން 23 އަހަރުގެ އަހުޒަމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ޝަރީއަތް ނިމެންދެން އަހްޒަމް ބަންދުކުރަން ކޯޓުން އަމުރުކުރީ މިމަހުގެ 11 ވަނަ ދުވަހު އޭނާގެ ބަންދަށް ޖެހި ފަސް ދުވަހުގެ މުއްދަތު ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

މިމައްސަލައިގައި އަހްޒަމްގެ އިތުރުން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ އަބްދުލްވާހިދު ރިފާސް އާއި އުމުރުން 21 އަހަރުގެ ހުސައިން ފަވާޒު އެވެ. ޝަރީއަތް ނިމެންދެން ފަވާޒު ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާއިރު ރިފާސްގެ ބަންދަށް ކޯޓުން ދީފައިވާ 30 ދުވަސް އަދި ހަމައެއް ނުވެ އެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.