ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކަންކަން ހައްދުން ނައްޓައިފި ކަމަށާއި އެ މަނިކުފާނު "މިހާރު ގެއަށް ކަނޑާލަން" ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ރައީސް ސޯލިހު ގޯސް ހައްދަވަމުން ގޮސް މިހާރު ހައްދަވާނެ އިތުރު ގޯހެއް މިހާރު ނެތް ކަމަށެވެ.

ގާސިމް ރައީސް ސޯލިހާ މެދު ހިތްހަމަޖެހިވަޑައިނުގެން އުދާސްތައް ބޭރުކޮށްލެއްވީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވިލާ ކުންފުންޏަށް ދޫކޮށްފައިވާ ކ. ވާވެއްދި ފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވުމުންނެވެ. ގާސިމް ތުހުމަތު ކުރައްވަނީ އެއީ ރައީސް ސޯލިހުގެ ނުފޫޒުން ނިންމި ނިންމުމެއް ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައި ވަނީ ވާވެއްދި ފަޅު ވިއްކުން ހުއްޓުވީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ކައުންސިލް މެމްބަރުން ބައިވެރިވަނީ. ފޮޓޯ: ޖޭޕީ

"ޅަ އިހަލުން ހަރު އެއްޗެހި އަޅަމުން އަޅަމުން ގޮސް މިހާރު ނެތް ގޮބޮޅިއެއްވެސް އަޅާކަށް. ދެން މަނިކުފާނު އެހެންވީމާ އިތުރަށް ކުރިމަތިލައްވައިގެން ތިމަންނާ ވެރިކަމަށް ވަޑައިގަންނަވަންށޭ ކިޔާފައި އުޅުއްވުމުގެ މާނައެއް ނެތް. އިޓް އިސް ޓޫ މަޗް. އިޓް އިޒް މީ ދެން އިނަފް. ޔޫ ހޭވް ޓު ގޯ ބެކް. މިހާރު ދާންވީ ކަނޑާލަންވީ ގެއަށް،" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ވާހަކަފުޅުގައި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން ރައްޔިތުންގެ އިތުބާރު އެމަނިކުފާނަށް އޮތްތޯ ގާސިމް ސުވާލު ކުރެއްވި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ކައުންސިލް މެމްބަރުން ބައިވެރިވަނީ. ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް ވަނީ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިފަ އެވެ.